ރައީސް އޮފީސް ގޮއްވާލާނެ ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހު ރައީސް އޮފީސް ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާ މެދުގައި ގޮތް ނިންމުމަށް ހުޅުމާލެ ކޯޓަށް ގެންދިއުމުން ވަނީ ހަތް ދުވަހުގެ މުއްދަތަކަށް ހޯމް މިނިސްޓްރީން ކަނޑައާޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

ފުލުހުން ބުނީ އޭނާ ވަނީ ރައީސް އޮފީހުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި އެމްއެންޑީއެފް ބޭފުން ކައިރިއަށް ގޮސް އެތެރޭގައި ތިބި ވެރިން ބޭރަށް ނުނިކުތުމަށް އަންގާފަ އެވެ. އަދި އެތަން ގޮއްލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިދިޔަ އަހަރު ތެރޭގައި، ރާއްޖޭގައި ހުންނަ އިންޑިއަން އެމްބަސީ ގޮއްވާލާނެ ކަމަށް ބުނި މީހަކާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލާނެ ކަމަށް ބުނި މީހަކު ވެސް ވަނީ ހައްޔަރުކޮށް، ދައުވާކޮށްފަ އެވެ.

އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ ރަސްމީ ގެކޮޅު މުލީއާގޭ ކައިރިއަށް ގޮސް ގޮއްވާލާނެ ކަމަށް ބުނި މައްސަލައެއްގައި ވެސް ދެ މީހަކު ކުރިން ހައްޔަރު ކުރި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާ އަށް ފަހު އެފަދަަ ގޮތަށް ދޭ އިންޒާރުތައް ސަލާމަތީ ބާރުތަކުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.