ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ އެމްޑީޕީގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މާދަމާ ކޮމަންޑޫ ދާއިރާ އަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

އެގޮތުން ދެ ރައީސުން އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ފޯކައިދޫ އަށެވެ. މާދަމާ ރޭފޯކައިދޫގައި ބާއްވާ ކެމްޕޭން ޖަލްސާގައި ދެ ރައީސުން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާޝިދުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް މި މަހުގެ ހަވަނަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވެސް ރައީސް ސޯލިހު ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެފަހުން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ކޮމަންޑޫ ދާއިރާ އަށް ވަޑައިގެންނެވިއިރު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ދާދިފަހުން އެ ދާއިރާ އަށް ދަތުރުފުޅެއް ކުރައްވާފައިވެ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާއި ދިމާކޮށް ސަރުކާރުން އެ ދާއިރާގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.

ސަރުކާރުން ކޮމަންޑޫ ދާއިރާގައި ގިނަ މަޝްރޫއުތަކެއް ހިންގަން ފަށާފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދާދިފަހުން ވަނީ ޕީޕީއެމްގެ ސަރުކާރެއްގައި ކޮމަންޑޫ ކައިރީގައި އޮންނަ ދިގުވެލިދޫގައި އެއާޕޯޓެއް އަޅުއްވަން ވައުދުވެވަޑައިގެންފަ އެވެ.