ނިއު ދިއްލީ (22 ޖެނުއަރީ) - ކޮވިޑް -19ގެ އޮމިކްރޯން ވޭރިއަންޓާ ގުޅިގެން އިންޑިއާއަށް މިދުވަސްވަރު ކޮވިޑްގެ ތިންވަނަ ރާޅު ފެތުރި، އެ ގައުމުގައި އެހެން ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ ބަލި މީހުންނަށް އެކަށީގެންވާ ފަރުވާ ނުލިބޭ ކަމަށް މާހިރުން ބުނެފި އެވެ.

އިންޑިއާގައި ކޮވިޑްގެ ހާލަތު މިދިޔަ ހަތް މަސް ދުވަސް ތެރޭގައި ގޯސް ނުވާހާ ވަރަށް ގޯސްވެފައި ވާއިރު ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު ވަނީ 300،000 އިން މައްޗަށް އަރާފަ އެވެ.

އެ ގައުމުގައި މިހާތަނަށް ފެނުނު އެންމެ ނުރައްކާތެރި ރާޅުގެ ތެރޭގައި ދުވާލެއްގެ މައްޗަށް 400،000 އަށްވުރެ ގިނަ މީހުން އެ ބައްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ.

އިތުރު ވަމުންދާ ކޮވިޑް ކޭސްތަކަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާގެ ގިނަ ހޮސްޕިޓަލްތަކެއް ކޮވިޑަށް ހާއްސަ ކުރެވި، މެޑިކަލް އޮކްސިޖަން ރައްކާކުރުމުގެ ގޮތުން އެ ބޭނުން ކުރާ މިންވަރު ވަނީ ވަރަށް ބޮޑުތަން ދަށަށް ކޮށްފަ އެވެ.

ނަތީޖާއަކަށް ވެފައި ވަނީ އެ ގައުމުގައި އެހެން ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ ބަލި މީހުންނަށް އައިސީޔޫ އެނދުތައް މަދުވެ، އޮކްސިޖަން ލިބުން ވެސް ދަތިވުމެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނަށް ވެސް އެންމެ އާދައިގެ ވޯޑުތަކުގައި ފަރުވާ ދެމުން އަންނާތީ އާއްމުންގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

އިންޑިއާއަކީ އެހެން ގައުމުތަކުގެ ގިނަ ރައްޔިތުން ތަކެއް ވެސް އެކި ބަލިތަކުގެ ސިއްހީ ފަރުވާއަށް ދަތުރުކުރާ ގައުމަކަށް ވެފައި މިފަދައިން ކޮވިޑް ފިޔަވައި އެހެން ބަލިތަކަށް ދެވޭ ސަމާލުކަން ކުޑަވެއްޖެ ނަމަ މެޑިކަލް ޓޫރިޒަމްއިން އެގައުމަށް ލިބޭ އާމްދަނީ ކުޑަވެ އިގްތިސާދު ހީނަރުވެދާނެ ކަމަށް މާހިރުން އަންނަނީ ބުނަމުންނެވެ.

ދީނީ އަދި ސިޔާސީ އެއްވުންތަކުގެ ތެރެއިން އިންޑިއާގައި އުފެދުނު ކޮވިޑްގެ ތިންވަނަ ރާޅާއެކު އިތުރުވާ ކޭސްތަކަށް ފަރުވާކުރުމުގެ ކެޕޭސިޓީ އެބަހުރި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. -- ޓައިމްސް އޮފް އިންޑިއާ