ލާމަރުކަޒީ ނިޒާމަށް ބަދަލުތައް ގެނެސް، ކައުންސިލްތަކުގެ އިހްތިސޯސްގައި ހުރި ބިންތައް ސަރުކާރަށް ނެގުމަށް މަސައްކަތް ކުރައްވާނަމަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ފައްކާކުރައްވަނީ "ރަނގަޅު ބަގާވާތެއް" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ގދ. ތިނަދޫގައި މީހުން އަލުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ، ކައުންސިލްތަކުގެ ބާރުގެ ދަށުގައިވާ ރަށްރަށުގެ ބިމާއި ފަޅާއި ފަރު ފަދަ ތަންތަން ވަޒީރުންގެ މަޖިލީހުގެ ސީދާ ބާރުގެ ދަށަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާ ގުޅޭ ގޮތުން ސަރުކާރަށް ވަރުގަދަ އިންޒާރެއް ދެއްވާފަ އެވެ.
ނަޝީދު ވިދާޅުވީ ތިނަދޫ އަދި ހުވަދޫ ރައްޔިތުންގެ އަތުން ބިންތައް އަތުލަން އުޅޭއިރު، އެ ރަށްރަށުގެ ތާރީހަށް ރައީސް މުއިއްޒު ވިސްނާވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމެއް ނެތި ވެރި ރަށް މާލެއިން ހުރިހާ ކަމެއް ހިންގަން މާލޭގެ ވެރިން ވިސްނުމަކީ މައްސަލަތަކުގެ އަސްލު ކަމަށާއި، ރާއްޖެ ރޫޅާލަން މަސައްކަތް ކުރައްވާނަމަ ރައްޔިތުން އިހްތިޖާޖަށް ނުކުމެ ވެރިކަން ބަދަލުކުރާ ހާލަތު އަތުވެދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މި ރާއްޖެ ފަހަތަށް ދިޔުމަކަށް ރައްޔިތުން ޖާގައެއް ނުދޭނެ! އަޅުގަނޑުމެން ވެސް ތެދުވާނަން. ދިވެހިރާއްޖޭގެ ރައްޔިތުންގެ ރުހުމާ ރައްޔިތުންގެ އެދުމާ އެކީ ނޫން ގޮތަކަށް ދިވެހިރާއްޖޭގެ އެއްވެސް ކަމެއް ހިނގައިގެން ނުވާނެ! ހިންގިޔަ ދީގެންވެސް ނުވާނެ!" ރައީސް ނަޝީދު ވިދާޅުވި އެވެ.
ހަމައެއާއެކު ޖަޒީރާ ގައުމެއްގެ ރަށްރަށުގައި ކުރަންވީ ކަންކަން ވަޒީރުންގެ މަޖިލީހަށް އެނގިވަޑައިނުގަންނަވާނެކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، ގާނޫނަށް ބަދަލު ގެނެސްގެން ބިންތައް ވަކިކުރަން އުޅޭއިރު ދިވެހި ރައްޔިތުން "ވަރިހަމަ" ކޮށްގެން ނުތިބޭނެ ކަމަށެވެ. އަދި ރައްޔިތުންގެ ރުހުމާއި އެދުމާ ހިލާފަށް އެއްވެސް ކަމެއް ހިންގިޔަ ނުދިނުމަށްޓަކައި އެމަނިކުފާނާއި ދިވެހި ރައްޔިތުން ތެދުވާނެ ކަމަށް ވިދާޅުވެ ނަޝީދު އިންޒާރު ދެއްވި އެވެ.
ހޮލީވުޑްގެ ތާރީހުގައި އެންމެ ކާމިޔާބު އާރް ރޭޓަޑް ފިލްމަކީ އޮޑިސީ
ހުސްވި ހަފުތާގައި އެންމެ ބޮޑު ހަރަދެއްކުރީ ސަބްސިޑީއަށް
އެކަހެރިވުމާއި އެކަނިވެރިކަން: ދުޅަހެޔޮ ސިއްހަތަކާ ގުޅުމެއް ވޭތަ؟