ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕެއިން ފޯކަސް ގެއްލިފައިވާ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް މިހެން ވިދާޅުވީ ރޭ ފޯކައިދޫގައި އެމްޑީޕީގެ ޓިކެޓުގައި ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް، މުހައްމަދު ރާޝިދުގެ ކެމްޕެއިން ޖަލްސާގައި އެޕާޓީގެ އިސް ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓްގައި އެވެ.

އާދަމް ޝަރީފް އުމަރު ވިދާޅުވީ ފޯކައިދޫގައި ބޭއްވި ޖަލްސާގައި ރާޝިދަށް ވުރެ ބޮޑަށް ޕްރޮމޯޓްވީ ރައީސް ޔާމީން ކަމަށެވެ.

އެމްޑީޕީގެ ކެމްޕެއިން ފޯކަސް ގެއްލި ރާޝިދު ޕްރޮމޯޓް ނުކޮށް، ދިފާއަށް ކުޅެނީ ޝަކުވާ ބޮޑުވެ ސަރުކާރު ޕްރެޝަރަށް ވެއްޓިފައިވާތީ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

ރޭ އެމްޑީޕީން ފޯކައިދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއާއި، އެމްޑީޕީގެ މަޖިލިސް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ކުރިން ހަމަޖެހުނުނަމަވެސް އެމަނިކުފާނު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ޖަލްސާގައި ބައިވެރިވެވަޑައި ނުގަންނަވަ އެވެ.

ރޭ ފޯކައިދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިތުރު ދިހަ އަހަރު ލިބިގެން ނޫނީ އެމްޑީޕީ ގެންގުޅޭ ސިޔާސަތު ރާއްޖޭގައި ތަންފީޒު ނުކުރެވޭނެ ކަމަށެވެ.

އެމްޑީޕީން ގެންނަން ބޭނުންވާ ތަރައްގީއަކީ ކޮންކްރީޓް ތަރައްގީ ގެނައުން ނޫންކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

މިޖަލްސާގައި ރައީސް ނަޝީދުވަނީ "އިންޑިއާ އައުޓް" ހަރަކާތަށް ވެސް ފާޑުވިދާޅުވެފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން އިސްކޮށް ހުންވައިގެން އެކުރައްވަނީ ވަރަށް ނުރައްކާތެރި މަސައްކަތެއް ކަމަށެވެ.

އެކަމުން ނިކުންނާނެ ނަތީޖާއަކީ ދިވެހި ރައްޔިތުންނަށް އެކަމުން ގެއްލުންތަކެއް ވުންކަމަށާއި، އެކަން އެނގިހުރި ކުރައްވާ މަސައްކަތަކަތުގައި ދިވެހި ރައްޔިތުން ބައިވެރި ނުވުމަށް ރައީސް ނަޝީދު ވަނީ ގޮވާލާފަ އެވެ.

ގައުމުތަކުގެ އިސްތިގްލާލާއި މިނިވަންކަން ގެއްލި މި ދަނީ ބޮޑެތި ބާރުތަކާ ނަފްރަތު އުފެއްދުމުގައި އެއްގޮތަކަށް ވެސް އެ ބާވަތުގެ ކަމެއްގެ ތެރެއަށް ރައްޔިތުން ވެއްޓި ނުގެންނާނެ ކަމީ ޝައްކު އޮތް ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.