ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ޕްރޮގްރާމްގެ ތެރެއިން ތިން ވަނަ ޑޯޒް ނުވަތަ ބޫސްޓާ ޑޯޒް ނުޖަހާ މީހުންނަށް ލުއި ނުދޭން މަޝްވަރާ ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކޮވިޑް ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް މިހާރު ދެމުން އަންނަ ލުއިތައް ތިން ޑޯޒް ފުރިހަމަ ނުކުރަނީސް ނުލިބޭ ގޮތައް ހަދަން މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން ރަށްރަށަށް ދަތުރު ކުރުމާއި އެހެން ވެސް ލުއިތައް ބޫސްޓާ ޑޯޒް ނުޖަހާ ފަރާތްތަކަށް ނުދިނުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ކޮވިޑުން ދިފާއުވުމަށް ތިން ވަނަ ޑޯޒެއް ޖަހަން މަޖުބޫރުކުރަން މަޝްވަރާ ފަށާފައިވާއިރު، ރާއްޖޭގައި ކޮވީޑް ބަލިމަޑުކަން އަނެއްކާވެސް އަންނަނީ ހަލުވި ކަމާއެކު ފެތުރެވުންނެވެ. ކޮވިޑުގެ އެންމެ ބާރަށް ފެތުރޭ އާ ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯން މިހާރު ރާއްޖެއިން ވެސް ފެނިފަ އެވެ.

ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހަން ފަށާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތަރަކުން ފެށިގެނެވެ. ބޫސްޓާ ޑޯޒެއްގެ ގޮތުގައި ދެނީ ފައިޒާ ވެކްސިނެވެ.

ކޮވިޑުން ރައްކާތެރިވުމަށް ބޫސްޓާ ޑޯޒް މީގެ ކުރިން ޖަހަމުން ދިޔައީ ފްރޮންޓްލައިން ގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނަށާއި 50 އަހަރުން މަތީގެ މީހުންނަށާއި އަދި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށެވެ. ނަމަވެސް މި މަހުގެ 15 އިން ފެށިގެން 18 އަހަރުން މަތީގެ މީހުންނަށް އާންމުކޮށް ވަނީ ޖަހަން ފަށައިފަ އެވެ.

އެޗްޕީއޭއިން އާންމު ކޮށްފައިވާ ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މީހާތަނަށް 397،382 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވެ އެވެ. އަދި 369،151 މީހުން ވަނީ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފަ އެވެ. ބޫސްޓާ ޑޯޒް 49،142 މީހުން ވަނީ ޖަހާފަ އެވެ.