ކޮވިޑް ވެކްސިން ޖެހުމަށްފަހު ދެ ހަފްތާ ވަންދެން ކަސްރަތުކުރުން ހުއްޓާލުން އެދިވިގެންވާ ކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮފް އިމިއުނައިޒޭޝަންގެ ޗެއާޕާސަން އަދި ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް އެދިވަޑައިގެންފި އެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ޑރ. ފައިސަލް ވިދާޅުވެފައި ވަނީ ވެކްސިން ޖެހުމުގެ ސަބަބުން ސައިޑް އިފެކްޓްސް ފެންނާނެ ކަމަށެވެ. އެހެންކަމުން ވެކްސިން ޖެހުމަށްފަހު ދެ ހަފްތާ ވަންދެން ގަދައަށްކުރާ ކަސްރަތުތަކުން ދުރުހެލިވުމަކީ މުހިންމުކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ދުވުމާއި ބޮޑީ ބިލްޑްކުރުން ފަދަ ކަސްރަތުތައް ހިމެނޭކަންކަމުން ދުރުހެލިވުމަށް ޑރ. ފައިސަލް އިލްތިމާސްކުރެއްވި އެވެ.

އޭނާ ވިދާޅުވީ މާ ގަދަޔަށް ކަސްރަތު ކުރުމުގެ ސަބަބުން މަދުން ނަމަވެސް މަޔޯކާޑިއަލް ޑިޒީޒް ފަދަ ކަންތައްތައް ކުރިމަތިވެފައި އެބަހުރި ކަމަށެވެ. އަދި މަޔޯކާޑިއަލް ޑިޒީސްގެ ސަބަބުން ހިތުގެ ޕަންޕްކުރާ ރޭޓް ދަށްވުމާއި ބްލަޑް ޕްރެޝަ ދަށްވުން ފަދަ ކަންކަން ދިމާވާނެކަމަށް ވެސް ޑރ. ފައިސަލް ވިދާޅުވި އެވެ.

ކޮވިޑް ވެކްސިން ޖެހުމަށްފަހު އެއް ހަފްތާއަށް ކަސްރަތު ކުރުން ހުއްޓާލުމަށް ދުނިޔޭގެ ބައެއް ގައުމުތަކުން އިލްތިމާސްކުރެ އެވެ.

ވެކްސިންގެ ސައިޑް އިފެކްޓްސް އާންމު ގޮތެއްގައި ފެންނާނީ ފުރަތަމަ ތިން ދުވަސް ތެރޭގަ އެވެ. އެގޮތުން ފުރަތަމަ ތިން ދުވަހު އެއްވެސް ކަހަލަ ލުއި ކަސްރަތެއް ވެސް ނުކުރުމަށް ޑރ. ފައިސަލް އިލްތިމާސްކުރެއްވި އެވެ. އެހެން ނަމަވެސް ތިން ދުވަސް ފަހުން ލުއި ކަސްރަތެއް ކަމުގައިވާ ހިނގާލުން ފަދަ ކަމެއް ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑްގެ ބޫސްޓާ ޑޯޒް ވެކްސިން ޖެހިތާ ހަތަރު ގަޑިއެއްހާއިރު ފަހުން، ރާއްޖޭގެ ޓެކް ދާއިރާގައި މަޝްހޫރު އަހުމަދު ރިޔަޒީ މުހައްމަދު (ޑާޑި) ކުއްލި ގޮތަކަށް އިއްޔެ ވަނީ މެލޭޝިއާގައި ނިޔާވެފަ އެވެ. އޭނާ ނިޔާވީ ވެކްސި ޖެހިފަހުން ކަސްރަތަށް ނުކުމެ އުޅެނިކޮށް ކަމަށްވެ އެވެ.