ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް ވާދަކުރާ ކެނޑިޑޭޓުންގެ ސިޔާސީ ރެލީތައް ހުއްޓުވައިފި އެވެ.
އެރަށުގައި މިއަދު ހަވީރު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ވާދަކުރާ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް އެމްޑީޕީންނާއި ޕީޕީއެމްއިން ވަނީ ހިނގާލުމެއް ބާއްވާފަ އެވެ. އެހެންނަމަވެސް ޕާޓީތަކުން ބޭއްވި ރެލީތައް ހުއްޓުމަކަށް އައީ، އެރަށު ސިއްހީ މަރުކަޒުން ރެލީތައް ހުއްޓުވުމަށް އަންގައިގެންނެވެ.
މި ހިނގާލުމުގައި ވެރިކަން ކުރާ ޕާޓީ، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އާއި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ރާއީގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޔާޒު ބައިވެރިވެ ވަޑައިގެންފައިވެ އެވެ.
އޭގެ އިތުރުން ޕީޕީއެމުން ބޭއްވި ހިނގާލުމުގައި އިދިކޮޅުގެ ކޯލިޝަނުން ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕް ލީޑަރު، އާދަމް ޝަރީފް އުމަރާއި ޕާޓީގެ އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންފައިވެ އެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އެ ގޮނޑީގެ މަގާމު ފުރުއްވަމުން ގެންދެވި ހުސެއިން ވަހީދު އަވަހާރަވުމުންނެވެ. އަދި އެ ގޮނޑިއަށް މެމްބަރެއް ހޮވުމަށް ބާއްވާ ބައި-އިލެކްޝަން މިއަހަރުގެ ފެބްރުއަރީ މަހު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.