އުމުރުން 28 އަހަރުގެ ޓާޝާ ޑޭވިސް ހީކުރީ ލޮކްޑައުން ތެރޭގައި މާގިނައިން ކެއުމުން އޭނާ ފަލަވީ ކަމަށެވެ. ބަނޑުބޮޑުކަން އެނގުނީ ވިހަން ގަޑިއިރަކަށް ވެފައިވަނިކޮށެވެ.

ޓާޝާއާއި ލޯބިވެރިޔާ މާޓިން ހާން، 29 އަށް ދަރިޔަކު ލިބެން އުޅޭކަމެއް އެ ދެ މީހުންނަކަށް ރޭކާވެސް ނުލަ އެވެ.

ޓާޝާ ހޮސްޕިޓަލްގައި އެޑްމިޓް ކުރީ ކުރިން ރެއިން ފެށިގެން ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމުންނެވެ. ވިހަންވެގެން ބަނޑުގައި ރިއްސާކަހަލަ އަލާމާތްތަކެއް ފެނުމުން ދެމަފިރިންނަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ.

ޓާޝާއާއި މާޓިން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ތިން އަހަރުވެފައިވާ އިރު، އާއިލާއަށް އިތުރުވި އާ މެންބަރާއި އެކު އެ ދެމީހުން ވެސް ތިބީ ވަރަށް އުފަލުންނެވެ.

"އަހަރެން ވަރަށް އުފާވެއްޖެ، ހަމަ އެހާވަރަށް ހައިރާންވެސް ވެއްޖެ. އަހަރެންގެ ގައިން އެއްވެސް އަލާމާތެއް ނުފެނޭ، ބޯއަނބުރާ ހޮޑުލަވާ ކަހަލަ ގޮތެއްވެސް ނުވޭ،" ޓާޝާ ބުންޏެވެ.

ޓާޝާ އޭނާގެ ދަރިފުޅު އުރާލައިގެން

"އެކަމަކު ވިހެއުމުގެ 24 ގަޑިއިރުކުރިން ބަނޑު އާދަޔާ ހިލާފަށް ފުފުނު. އޭރު ވަރަށް ގަދަޔަށް ބަނޑުގައި ރިއްސާފައި އަހަރެންނަށް ކުޑަކަމުވެސް ނުދެވޭ. އެހިސާބުން ކަނބޮޑުވާން ފެށި، ވިހަންވެގެން އަރާ ކަހަލަ ތަދު އަރަން ފެށީމަވެސް އަހަރެމެންނަކަށް ނުވިސްނުނު،" އޭނާ ބުންޏެވެ.

"ހޮސްޕިޓަލްއަށް ގެންދިއުމުން ނަރުހުން އެހި ބަނޑުބޮޑު ހެއްޔޭ؟ އަހަރެން ބުނީ ނޫނެކޭ."

ޓާޝާ ބުނީ ވާން އުޅޭ ގޮތް ރޭކާލާންފެށީ ނަރުސް ކުދިންތައް ޓެސްޓް ހަދަން އަވަސްވެގަތުމުން ކަމަށެވެ.

މާޓިން ވެސް ބުނެފައިވާ ގޮތުގައި ޓާޝާ ވިހަން ވެއްދި ވާހަކަ ބުނުމުން އޭނާއަށް ވެސް ލިބުނީ ކުއްލި ޝޮކެއް ކަމަށެވެ.

ޓާޝާ ވިހާފައިވަނީ ލޯބި ލޯބި ސިއްހަތު ރަނގަޅު ފިރިހެން ކުއްޖެކެވެ. އަދި ވިހެއި އިރު ކުއްޖާގެ ބަރުދަނުގައި 4.28 ކިލޯގްރާމް ހުއްޓެވެ.