އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު އެގައުމުގެ ރަނިކަން ކުރައްވާތާ 70 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބަކިންހަމް ޕެލެސްއިން ނެރުނު ބަޔާނެއްގައި އެކަމަނާގެ ބޮޑު އެދުންފުޅެއް ހާމަކޮށްފި އެވެ.

އެގޮތުން އެކަމަނާއަށްފަހު ރަސްކަމަށް އިސްވާ ދަރިކަލުން ޗާލްސްގެ އަނބިކަނބަލުންގެ ހައިސިއްޔަތުން އެގައުމުގެ ރާނީކަމުގެ މަގާމް ދެން ލިބޭނީ ކަމިއްލާ ޕާކަރު ބައުލްސްއަށް ކަމަށް އެ ބަޔާނުގައި އެލިޒަބަތު ބަޔާން ކުރައްވާފައިވެ އެވެ.

މި އިއުލާނާއެކު ޕްރިންސް ޗާލްސް ވަނީ މިއީ އެ ދެކަނބަލުންނަށް ލިބުނު ބޮޑު ޝަރަފެއް ކަމަށާއި ރާނީގެ އެދުންފުޅު އޭގެ އެންމެ ރަނގަޅު ގޮތުގައި ފުރިހަމަ ކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ.

މިއާއެކު ޕްރިންސް ޗާލްސް ރަސްކަމަށް އިސްވުމުން ކަމިއްލާގެ ރަސްމީ ލަގަބަކަށް ވާނީ "ކުއީން ކޮންސޯޓް" އެވެ. ނަމަވެސް އާއްމުންގެ މެދުގައި އޭނާގެ ނަންފުޅަކަށް ވާނީ ކުއީން ކަމިއްލާ އެވެ.

މީލާދުން 1952 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހަ ވަނަ ދުވަހު އުމުރުން 25 އަހަރުގައި އިނގިރޭސި ވިލާތުގެ ރަނިކަމަށް އިސްވި އެލިޒަބަތު ދެވަނަ ވެފައިވަނީ އެގައުމުގެ އެންމެ އިސްވެރިޔާގެ މަގާމުގައި އެންމެ ގިނަ ދުވަހު ހުންނެވި ރާނީ އަށެވެ. މިހާރު އެކަމަނާގެ އުމުރަކީ 95 އަހަރެވެ.

އެލިޒަބަތު ވަނީ އިނގިރޭސި ރައްޔިތުން އެކަމަނާއަށް ދިން އެއްބާރުލުން ޕްރިންސް ޗާލްސް ރަސްކަމަށް އިސްވުމުން އެ ދެކަނބަލުންނަށް ވެސް ދޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ވިދާޅުވެފަ އެވެ.