މާ ނަކަތް ފެށުނު ނަމަވެސް މިއަދު ވެސް ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭ ވެހި މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
"މާ" ނަކަތަކީ ހުޅަނގު މޫސުމުގެ 10 ވަނަ ނަކަތެވެ. މި ނަކަތް ހިނގަނީ ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް 11 އިން އޮގަސްޓް 23 އަށެވެ. މިދުވަސްވަރު އާންމު ގޮތެއްގައި ވައި މަޑު، އަވިގަދަ އަދި މޫސުން ރަނގަޅު ދުވަސްވަރެކެވެ. ނަމަވެސް މި ދުވަސްވަރު ކުރަމުންދާ ވިއްސާރައަކީ ނަކަތާ ގުޅުންހުރި ވިއްސާރައެއް ކަމަށް ނުބެލެވެ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ އެކި ހިސާބަށް ކުރިއަށް އޮތް ވަގުތުތަކުގައި ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ. އަދި ކުރިޔަށް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރެ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން އިން ބުނީ އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ.
ނަމަވެސް، މެދު ރާއްޖެތެރެ އާއި އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ. އަދި ރާޅުގެ އުސްމިން ދެކުނުގެ އަތޮޅުތަކުގައި ހުންނާނީ 2 ފޫޓާއި 4 ފޫޓާ ދެމެދުގައި ކަަމަށާއި އުތުރާއި މެދު ރާއްޖެތެރޭގެ ސަރަޙައްދުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރު ކުރާ ފަރާތްތަތަކުން ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
އެ އިދާރާގެ ރިޕޯޓްތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑް ކުރެވިފައިވަނީ ފ. ބިލެއްދު އަށެވެ. އެއީ 48.6 މިލިމީޓަރުގެ ވާރޭ އެވެ. ދެވަނަ އަށް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ދައްކަނީ ހުޅުމާލެ އަށެވެ. އެއީ 35.8 މިލިމީޓަރުގެ ވާރޭ އެވެ. އަދި ތިން ވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވާ އއ. ތޮއްޑޫއަށް 31.2 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ދައްކަ އެވެ.
10 ދުވަސް ތެރޭ ޑޮލަރުގެ އަގު 19ރ. އަށް ތިރިކުރަން ގޮވާލައްވައިފި
މަޖިލީހުގެ ދައުރު މި މަހުގެ 20އަށް ދަންމާލައިފި
ވިއްސާރަ މޫސުމުގައި ލޯ ރަތްވެ ފެން އަންނަނީތަ؟