ދިވެހި ސަރުކާރުން ތިމާވެށީގެ ރޮނގުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ކާމިޔާބު ކުރުމަށް ބޭރުގެ ގައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ގްލޯބަލް ސެންޓަރު އޮން އެޑަޕްޓޭޝަން (ޖީސީއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ޑރ. ޕެޓްރިކް ވެރްކޮޔަން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މިއަދު މެންދުރު ކުރީގައި ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ޖީސީއޭގެ ސީއީއޯ ރާއްޖެ ވަޑައިގެންނެވި ކަމަށްޓަކައި މަރުހަބާ ދަންނަވާފަ އެވެ.

އަދި، ދެބޭފުޅުން ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުންނާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަސްވަރާކުރައްވާފަ އެވެ.

ރައީސް ސޯލިހު ވަނީ ރާއްޖޭގެ ސަރުކާރުން ތިމާވެށީގެ ރޮނގުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ޖީސީއޭގެ ސީއީއޯއާ ހިއްސާކުރައްވައި އެކަންކަން ކާމިޔާބުކަމާއެކީ ކުރުމަށްޓަކައި، ބައިނަލްއަގްވާމީ ބައިވެރިންގެ އެހީތެރިކަން ހާއްސަކޮށް މާލީ ކަންކަމުގައި ބޭނުންވާކަން ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ޖީސީއޭގެ ސީއީއޯ ވަނީ ރާއްޖޭގެ އިތުރުން އެހެން ބައިނަލްއަގްވާމީ ފަރާތްތަކާއި އެކު ޖީސީއޭ އިން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ގުޅޭގޮތުން ކުރަމުން އަންނަ ބައެއް މަޝްވަރާތަކާއި މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފަ އެވެ.

މީގެ އިތުރުން ވެސް ސީއީއޯ ވިދާޅުވިގޮތުގައި ޖީސީއޭ އިން ރާއްޖެއަށް ހުށަހަޅާ ކަންކަމަކީ ރައީސް ސޯލިހުގެ ސަރުކާރުން ތިމާވެށީގެ ރޮނގުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭނުންވާ އަމަލީ މަސައްކަތް ހިމެނޭހެން ހުށަހަޅާ ކަންތައްތަކެކެވެ. އަދި ވެރްކޮޔަން ވަނީ ތިމާވެށީގެ ކަންކަމުގައި ޖީސީއޭގެ ފަރާތުން ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަން ކަށަވަރުކޮށްދެއްވާފަ އެވެ.

ޖީސީއޭއަކީ މޫސުމަށް އަންނަ ބަދަލުތަކުން ގައުމުތައް އަރައިގަތުމަށް ކުރާ މަސައްކަތުގައި އެހީތެރިވެދޭ ބައިނަލްއަގްވާމީ ޖަމުއިއްޔާއެކެވެ.