ރާއްޖޭގެ އިންޝުއަރެންސްއާބެހޭ ގާނޫނު ތަންފީޒުކުރުމަށްޓަކައި ބޭނުންވާ މުހިންމު ދެ ގަވާއިދެއްގެ ދެލިކޮޕީއަށް އާންމުންގެ ހިޔާލު ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުވާލައިފި އެވެ.
އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވާ ދެ ގަވާއިދަކީ "އިންޝުއަރެންސް (ދިވެހިރާއްޖޭގައި ހުރި ރިސްކުތަކާބެހޭ)" ގަވާއިދާއި "އިންޝުއަރެންސް (އާންމު މާއްދާތަކުގެ)" ގަވާއިދެވެ. މި ދެ ގަވާއިދު ވެސް އެކުލަވާލާފައިވަނީ ރާއްޖޭގައި ހަރަކާތްތެރިވާ އިންޝުއަރެންސް ކުންފުނިތަކާއި ގުޅުންހުރި އެހެން ފަރާތްތަކުގެ ހިޔާލު ހޯދުމަށްފަހު ކަމަށް އެމްއެމްއޭއިން ބުނެ އެވެ.
އިންޝުއަރެންސް ރިސްކާ ގުޅޭ ގަވާއިދުގައި ރާއްޖޭގައި ހުރި ރިސްކުތަކާއި، އެ ރިސްކުތައް ކަވަރު ކުރުމަށްޓަކައި ލައިސެންސް ލިބިފައިވާ އިންޝުއަރެންސް ކުންފުންޏެއް ނޫން ފަރާތެއްގެ އިންޝުއަރެންސް ޕޮލިސީއެއް ނެގުމުގައި އަމަލު ކުރަންޖެހޭ ގޮތްތައް ބަޔާންކޮށްފައިވެ އެވެ. އަދި އެކަމާ ގުޅޭގޮތުން މަޝްވަރާކޮށް ނެގޯޝިއޭޓް ކުރުމުގައި އަމަލު ކުރަންޖެހޭ އުސޫލުތައްވެސް މި ގަވާއިދުގައި ހިމެނެ އެވެ.
މި ގަވާއިދުގައި ރިސްކުގެ ގޮތުގައި ފަސް ކަމެއް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހުރި ބިން ހިމެނޭ ގޮތަށް ނުފުލޭ އަދި އުފުލޭ މުދަލަށް ކުރިމަތިވެފައިވާ ރިސްކުތަކާއި، ދިރިއުޅޭ މީހުންނާ ގުޅޭ ރިސްކުތަކާއި، ރާއްޖޭގައި ހުރި މުދަލާއި އުޅޭ މީހެއްގެ ލަޔަބިލިޓީއާ ގުޅޭ ރިސްކުތަކުގެ އިތުރުން ގާނޫނާ އެއްގޮތަށް ރަޖިސްޓާކޮށްފައިވާ ވިޔަފާރިތަކާ ގުޅޭ ރިސްކުތައް ހިމެނެ އެވެ.
އާންމު އިންޝުއަރެންސް ގަވާއިދުގައި ވަނީ ލައިސެންސް ދިނުމުގައި ބަލާނެ ޝަރުތުތަކާއި، އިންޝުއަރެންސް ކުންފުނިތަކުގެ ބްރާންޗްތަކާއި ސަބްސިޑަރީތަކަށް ލައިސެންސް ދިނުމުގައި ބަލާ މިންގަނޑުތައް ހާމަކޮށްފަ އެވެ. މީގެ އިތުރުން އިންޝުއަރެންސް ކުންފުނިތަކުން ބަހައްޓަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓާއި އިންޝުއަރެންސް ފަންޑު ގާއިމުކުރުމުގައި އަމަލުކުރަންޖެހޭ ގޮތްތައްވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.
އެ ގަވާއިދުގައިވާ ގޮތުން ރާއްޖޭގައި ހިންގާ ކޮންމެ އިންޝުއަރެންސް ކުންފުންޏަކުންވެސް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދެ މިލިއަން ރުފިޔާ ބަހައްޓަންޖެހޭނެ އެވެ.
އާމިރުއާއެކު އަލުން ފިލްމެއް ކުޅެން ބޭނުން ކަމަށް ޕްރިތީ ބުނެފި
