އައުޓް ކުރަން ގޮވާ އެއްޗެއް ސާފު ނުވާ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ އިދިކޮޅުން ކުރިއަށް ގެންދާ އިންޑިޔާ އައުޓް ކެމްޕެއިނަށް ޖޯކު ޖައްސަވާ ވާހަކަ ދައްކަވައިފި އެވެ.

މިނިސްޓަރު އިމްރާން މިމޭރުމުން ވާހަަކަ ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި އިންޑިޔާ އައުޓް ކެމްޕެއިންއާ ގުޅިގެން ކުރިއަށް ގެންދާ ދިރާސާއަށް ސުވާލު ކުރުމަށް މިއަދު 241 ކޮމިޓީއަށް މައުލޫމާތު ދެއްވަމުންނެވެ.

"ރާއްޖޭގެ ރައްޔިތުންނާ އަދި މުޅި ރާއްޖެއާ ގުޅިފައިވާ ބައިވަރު ކަންތައްތައް އިންޑިއާއާ އެކު ކުރިއަށް އެބަދޭ،" އެކަންކަމުގެ ތެރެއިން "އައުޓް"ކުރަންވީ އެއްޗެއް ނޭނގޭ ކަމަށް އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތް ކުރިއަށްދާ ނަމަ ދާހިލީ ސަލާމަތަށް ކުރިމަތިވާނެ ނުރައްކާތަކެއް އެބަހުރި ކަމަށެވެ. އަދި އެ ހަރަކާތް ކުރިއަށްދާ ގޮތުން ރާއްޖޭގައި ތިބި އިންޑިއާގެ އެތައް ބަޔަކަށް ބިރުވެރިކަން ތަހައްމަލް ކުރަންޖެހިފައިވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. އަދި އިންޑިއާ އައުޓް ހަރަކާތުގައި ކުށްތައް ކޮށްފައިވާ ބަޔަކު ބައިވެރިވެ މުދަލާއި ފުރާނައަށް ގެއްލުން ލިބޭ ފަދަ އަމަލުތައް ހިންގަމުންދާ ކަމަށް މިނިސްޓަރު ތުހުމަތުކުރެއްވި އެވެ. އެކަމުގެ ނަތީޖާ އަކީ އިންޑިއާއަށް ދަތުރުކުރާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ވެދާނެ ކަމުގައި އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކީ އިދިކޮޅުން ކުރަން ބޭނުންވި ކަންކަން ސަރުކާރުގެ ތެރެއިން ނުކުރެވިގެން އަވަށްޓެރި ގައުމުތަކާ ޖެހިގަނެ ސަރުކާރަށް ދަތިކުރަން ކުރިއަށް ގެންދާ ހަަރަކާތެއް ކަަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.