ހެދިބޮޑުވަމުން އަންނަ ކުދިން ކިޔެވުމާއި އުނގެނުމުގެ މަތިން ފޫހިވުމަކީ ގިނަ ބެލެނިވެރިންނަށް ފާހަގަ ކުރެވޭނެ ކަމެކެވެ. އެގޮތުން ދަރިފުޅު ކިޔެވުމަށްވުގެ އެހެނިހެން ކަންކަމަށް ޝައުގުވެރިކަން ހުންނަނަމަ ބެލެނިވެރިން ވިސްނާލަން ޖެހޭ ބައެއް ކަންކަން ހުރެ އެވެ.
ކުދިން ކިޔަވަން ބޭނުން ނުވާ ވަރަށް ގިނަ ސަބަަބުތައް ހުރެ އެވެ. އަދި ހަމަ އެހެންމެ އެފަދަ ކުދިން ކިޔެވުމް މަތިން ފޫހި ނުވެ ޝައުގެވެރި ކަމާއެކު ކިޔެވުމާއިގެން ކުރިޔަށް ދެވޭނެ ގޮތްތައްވެސް ހުރެ އެވެ. އެހެން ނަަމަވެސް އެ ހާލަތުގައި މަސައްކަތް ކުރަން ޖެހޭނީ ހަމައެކަނި އެއްކަލަ ކިޔަވާ ކުއްޖާ އެކަންޏެއް ނޫނެވެ. އޭގައި ބެލެނެވެރިންނާއި ކުއްޖާއަށް ކިޔަވައިދޭ މުދައްރިސުންގެ ދައުރުވެސް ބޮޑެވެ.
އާންމު ގޮތެއްގައި ކުދިން ކިޔެވުން މަތިން ފޫހިވާން މެދުވެރިވާ މައިގަނޑު އެންމެ ބޮޑު އެއް ސަބަބަކަށް ވެފައިވަނީ އެކުދިންނަށް ކިޔެވުމަށް މާބޮޑަށް ޕްރެޝަރު ކުރުމެވެ. އެ ގޮތުން އަބަދު އަބަދު ކިޔަވަން ބުނުމާއި، މޮޅަށް ކިޔަވާ ކުދިންނާ އެއްްފަދަކޮށް ވާހަކަ ދައްކަން ފެށުމުން ކުދިން ކިޔަވަން ފޫހިވެ ކިޔެވުމާ ދުރަށްދެ އެވެ. ސަބަބަކަށްވަނީ އެކި ކުދިންގެ ކިޔެވުމުގެ ފެންވަރު ހުންނާނީ އެކި ވަރަށް ކަމުގައި ވީ ހިނދު އެހެން ކުދިންނާ އެއްވަރު ކުރުމުން އެއްކަލަ ކިޔެވުމަށް ދަށް ކުއްޖާއަށް ގަބޫލު ކުރެވޭނީ އެކުއްޖާއަށް ކިޔެވުމަށް މަސައްކަތް ނުކުރެވެނީ ކަމުގައި ކަމަށްވާތީ އެވެ.
މީގެ އިތުރުން އެކި ކުދިން ކިޔަވަން ބޭނުން ކުރާނީ އެކި އުކުޅު ތަކެވެ. އެ ގޮތުން ބައެއް ކުދިންނަކީ ވަރަށް ހަމަ ހިމޭން މާހައުލެއްގައި ކިޔަަވަން ބޭނުންވާ ކުދިންނެވެ. އަނެއް ބައި ކުދިންނަކީ އަޑު ގަދަ ހަމަ އެހެންމެ ސަކަރާތް ޖެހުމާއި އެކު ކިިޔަވާ ކުދިންނެވެ. އަދި ހަމަ އެހެންމެ ލަވަ ޖަހައިގެން އޮވެ ކިޔަވާ ފިލާވަޅުތައް ހަދަން ފަސޭހަ ކުދިންވެސް އުޅެ އެވެ. މިފަދަ ކުދިން ކިޔަވަން އެ ބޭނުން ކުރާ ގޮތް ގިނަ ފަހަރު ބެލެނެވެރިންނަށް ކަމުނުދާ ފަހަރު އާދެ އެވެ.
ދެން އޮތް އެންމެ ބޮޑު އެއްމައްސަލައަކީ އަބަދު ކިޔަވަން ބުނުމެވެ. އަބަދު އަބަދު ކިޔަވަން ބުނާ ނަމަ ކިޔަވާހިތް ވުމުގެ ބަދަލުގައި ދާނީ ކިޔެވުމާއި ދުރަށެވެ.
ކުއްޖާ ކިޔެވުމަށް ޝައުގުވެރި ކުރުމުގައި އެންމެ މުހިންމު ދައުރެއް ކުޅެން ޖެހޭނެ ފަރާތަކީ ކުއްޖާގެ ބެެލެނެވެރިންނާއި މުދައްރިސުންނެވެ. އެ ގޮތުން ދަރިފުޅުގެ ކިބައިން ކިޔެވުމަށް ފޫހިވުމުގެ އަލާމާތްތަކެއް ފެންނަހެން ހީވާނަމަ ދަރިފުޅާ ވާހަކަ ދައްކާލުން ވަރަށް މުހިންމެވެ. އެ ގޮތުން ހުރި މައްސަލަތައް އަޑުއަހައި ކިޔެވުމުގައި ކުރިޔަށްދާން ހިތްވަރުދެވިދާނެ އެވެ. އަދި ކުލާހުގައި ނަގާ ޓެސްޓްތަކުން ދަށްވާނަމަ އަޑު ހަރުކޮށް ބަސް ބުނުމުގެ ބަދަލުގައި ރީއްޗަށް ވާހަކަދައްކައި، އެ ކުއްޖާއަށް އިތުރަށް އަދި މަސައްކަތް ކުރެވޭނެ ކަމާއި އެހެން ނަގާ ޓެސްތަކުން ދަށްވުމަކީ އެއީ އަދި "ފެއިލް" ވޫން ނޫންކަން ކުއްޖާއަށް ވިސްނައިދެވިދާނެ އެވެ. އޭރުން އެ ކުއްޖާ އަމިއްލަޔަށްވެސް ކިޔެވުމަށް މަސައްކަތް ކުރާނެއެވެ.
ދަރިވަރު އަމިއްލަޔަށް ކުރެވިދާނެ ކަންތަކަށް ބަލާއިރު ވަކި ވަކި މާއްދާތަކަށް ގަޑި ކަނޑައަޅައި ކިޔެވުމަށް މަސައްކަތް ކުރެވިދާނެ އެވެ. އެ ގޮތުން ހުރިހާ މާއްދާއެއް އެއް ވަގުތެއްގައި ކިޔަވަން އުޅުމަށްވުރެ އެހެން ކިޔަވަން ފެށުުމުން ކިޔަވާ އެއްޗެހި އަވަހަަށް ފަހުމުވެ އެނގިގެންދާނެ އެވެ.
ވަކި މާއްދާއަކަށް ދަށް ވާހެން ހީވާނަމަ އެ މާއްދާއަށް ދޭ ވަގުުތު އިތުރުކޮށް ޝެޑިއުލްކޮށްގެން ކިޔެވުން ކުރިޔަށް ގެނދެވިދާނެ އެވެ.