ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސިފަވަނީ އިންޑިއާގެ ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ އިސް މުޝީރެއްގެ ގޮތުގައި ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު މިހެން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ ބޭރުގެ ބަޔަކު ރާއްޖެއަށް ހަމަލާއެއް ދީފި ކަމުގައިވާ ނަމަ އެކަނިމާއެކަނި އެ ހަމަލާ އިން ދިފާއުވާން އުނދަގޫވާނެތީކަމަށް ފޮރިން މިނިސްޓްރީން ބުނުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައި އެވެ.

ސައީދު ވިދާޅުވީ ފޮރިން މިނިސްޓަރު ސައީދު މިހާރު ސިފަވަނީ ބީޖޭޕީގެ އިސް މުޝީރެއްގެ ގޮތުގައި ކަމަށާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ ރާއްޖެއަށް ބަޔަކު ހަމަލާއެއް ދީފިނަމަ އެކަނި ދިފާއުވާން އުނދަގޫވާނެތީކަން ހުއްޖަތަކަށް ދައްކައިގެންނަމަ، އެކަން ދުވަހަކު ވެސް ބަދަލުނުވާނެ ކަމަށެވެ.

މީގެއިތުރުން ސައީދު ވަނީ މަޖާޒީ ގޮތަކަށް މިނިސްޓަރު ޝާހިދަށް ފާޑު ވެސް ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ހިންގަމުން އަންނަ "އިންޑިއާ އައުޓް" ކެމްޕެއިންއާ ގުޅިގެން ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރު، މަޖިލިހުގެ ކޮމިޓީގައި ވިދާޅުވީ އިދިކޮޅުން ކުރިއަށް ގެންދާ ހަރަކާތުގެ ސަބަބުން ގައުމުގެ އިސްތިގުލާލަށް ގެއްލުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖެ އުފެދިފައި އޮތް ގޮތުން ކޮންމެ ކަމެއް ދިމާވި ކަމުގައިވީ ނަމަވެސް ރާއްޖެއަށް އެންމެ ފުރަތަމަ އެހީވެވޭނެ ގައުމަކީ އިންޑިއާ ކަމަށެވެ.

މިސަރުކާރުން ބުނަމުން ދަނީ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް"ގެ ސަބަބުން ކުރިޔަށް އޮތްތަނުގައި ރާއްޖެއަށް އެހީ ލިބުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.

ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ މިސަރުކާރާއެކު އިންޑިއާ ދެމެދު އޮންނަ ގުޅުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަން ގެއްލިގެން ގޮސްދާނެ ކަމަށެވެ.