ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއޭ ބުނެ އުޅެ އެވެ. ހަމަ އެގޮތަށް ތިމާގެ ދަރިފުޅު ކުރާ ކުށްތައް ފާހަގަ ކުރުމަކީ ބެލެނިވެރިންނަށް އުނދަގޫ ކަމަކަށް ވާނެ އެވެ. ނަމަވެސް އެފަދަ ކަންކަން ފާހަގަކޮށް ދަރިފުޅުގެ އަހްލާގް ރަނގަޅު ކުރުމަކީ މައިންބަފައިންގެ ޒިންމާ އެކެވެ.

އެގޮތުން ބަލާއިރު ބައެއް ކުދިންނަކީ ސްކޫލުގެ މާހައުލުގައި އެހެން ކުދިންނާ ގަނާކޮށް ހަދާ ކުދިންނެވެ. ތިބާގެ ދަރިފުޅާ ބެހޭ ގޮތުން އެފަދަ ޝަކުވާއެއް އަތުވެއްޖެނަމަ އެކަން ދޮގު ކުރުމުގެ ބަދަލުގައި އެކަން އިސްލާހު ކުރަން މަސައްކަތް ކުރަން ޖެހޭނެ އެވެ.

ދަރިފުޅާ ވާހަކަ ދެއްކުން

ކުޑަ ކުދިން އެހެން ކުދިންނާ ގަނާކުރާ ވަރަށް ގިނަ ސަބަބުތައް ހުރެ އެވެ. ފަހަރެއްގައި ދަރިފުޅު އެހެން ކުދީންނާއި ގަނާކޮށް އުޅެނީ އެހެން ކުދީން އޭނާ އާ ތޮޅި ޖެއްސުން ކޮށް ހަދާތީ ކަމަށްވެސް ވުން އެކަށީގެން ވެއެވެ. ނޫންނަމަ އެއީ އެއްކޮށް އުޅޭ ކުދީންގެ މެދުގައި އެހެން މީހުންގެ ސަމާލުކަން ހޯދުމަށް އޮންނަ ވާދަވެރިކަމުގެ ސަބަބުން ނުވަތަ ރަހުމަތްތެރިން ބާރުއެޅުމުގެ ސަބަބުން ކުރާ ކަމަކަށްވެސް ވެދާނެ އެވެ.

ގަވާއިދުން ނަސޭހަތް ދިނުން

އެއް ފަހަރަކު ނުވަތަ ދެ ފަހަރު މައްސަލައާ މެދު ވާހަކަ ދައްކައިގެން ނުފުދޭނެ އެވެ. ދަރިފުޅު ކިތަންމެ ރުޅި ހަދާ ބޮޑާ ދެއްކިޔަސް އެކުދިންގެ މައްޗަށް ރުޅިނައިސް ކެތްތެރިވެ ފޫހިކަމެއް ނެތި ތަކުރާރުކޮށް ގަނާކޮށް ހެދުމަކީ ގޯސް ކަމެއް ކަމުގައި ނަސޭހަތް ދެމުން ގެންދާށެވެ.

އެހެން ކުދިންގެ ބައިވެރިވުން އޮވޭތޯ ބެލުން

ކުދިންނާ ގަނާ ކުރުމުގައި ތިބާގެ ދަރިފުޅާއެކު އިތުރު ކުދިން ނުވަތަ ކުއްޖެއް ބައިވެރިވާނަމަ، އެކުދިންގެ ނުވަތަ ކުއްޖާގެ ބެލެނިވެރިންނާ ވެސް ވާހަކަ ދައްކާށެވެ. އަދި މި އުޅުން އިސްލާހު ކުރުމުގައި އެ ބެލެނިވެރިންގެ އެހީވެސް ހޯދާށެވެ.

މުދައްރިސުންގެ މަޝްވަރާ ހޯދުން

ދަރިފުޅުގެ ސްކޫލް ޓީޗަރުންނާއި، ސުޕަވައިޒަރާ ވާހަކަ ދައްކައި ކަންތައްތައް ހިނގާގޮތުގެ ސާފު ތަސްވީރެއް ފެންނާނެހެން މައުލޫމާތު އެއްކޮށް އެކަމާ ގުޅޭގޮތުން ސްކޫލުގެ މާހައުލުގައާއި ގޭތެރޭގައި ވެސް އެޅިދާނެ ފިޔަވަޅުތަކާ މެދު މަޝްވަރާ ކުރާށެވެ.