ނިއުޒިލޭންޑުގައި ދިރިއުޅޭ އަޔަލެންޑަށް ނިސްބަތްވާ އަންހެނަކު އޭނާގެ ފިރިމީހާ ވިއްކާލަން ނީލަމުގައި ޖަހައިފި އެވެ.

ލިންޑާ މެކްއެލިސްޓާ އޭނާގެ ފިރިމީހާ ޖޯން މެކް އެލިސްޓާ ވިއްކާލަން ނީލަން ވެބްސައިޓެއް ކަމަށްވާ ޓްރޭޑް މީގައި ނީލަން ކިޔާފައިވަނީ ޖޯން ލިންޑާއާއި އެދެމަފިރިންގެ ދެ ކުދިން އެކަނި ބައިތިއްބާފައި ދެ ދުވަހުގެ މަސް ދަތުރަކު ދިއުމުންނެވެ.

ދަ މިރާ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާގެ އާއިލާއާއެކު ނިއުޒިލެންޑުގައި ދިރިއުޅެމުން އަންނަ ލިންޑާ އޭނާގެ ފިރިމީހާގެ މި އަމަލަކީ އަބަދުވެސް އޭނާގެ ފަރާތުން ފެންނަ ފަދަ އަމަލެކެވެ.

ނަމަވެސް ކުދިންގެ ސްކޫލް ބަންދުވެ ގޭތެރޭގެ މަސައްކަތް ބުރަވެފައިވާ ދުވަސްވަރެއްގައި ދަތުރު ދިއުމުން ލިންޑާ ރުޅި އައީ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.

ލިންޑާ އޭނާގެ ފިރިމީހާ ވިއްކާލަން ނީލަމަށް ލުމާއެކު 12 ބިޑް އެ ނީލަމަށް ހުށައަޅާފައިވެ އެވެ. މީގެ ތެރެއިން އެންމެ މަތީ އަގަކަށް ހުށައަޅާފައިވަނީ 100 އެމެރިކާ ޑޮލަރުގެ އަގެކެވެ.

ޓްރޭޑު މީ ވެބްސައިޓްގެ އޮފިޝަލަކު ބުނީ މިއީ އެ ވެބްސައިޓްގައި މީހެއްގެ ބައިވެރިޔަކު ނީލަމުގައި ވިއްކާލަން ޖެހި ފުރަތަމަ ފަހަރު ކަމުގަ އެވެ.

ނީލަމަށް ލީތާ މާ ގިނައިރެއް ނުވެ އެ ނީލަން ވަނީ ވެބްސައިޓުން ނަގާފަ އެވެ. ޖޯންއާއި ލިންޑާ އަދިވެސް އުޅެނީ އެކުގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.