ބައެއް މީހުންނަށް ކޮޓަރި ތެރެ އަލިކޮށްގެން ނިދުމުގައި މާބޮޑު އުނދަގޫތަކެއް ދިމައެއް ނުވެ އެވެ. އަނެއްބައި މީހުންނަކީ ނިދާ ކޮޓަރި އެއްކޮށް ނިވާލައި އަނދިރިކޮށްލައިގެން މެނުވީ ނިދަން އުނދަގޫވާ މީހުންނެވެ. އަލިކޮށްގެން ނިދަން ފަސޭހަވި ނަމަވެސް ސައިންސްގެ ހޯދުންތަކުން ބުރަވަނީ ފުރިހަމަ ނިންޖެއް ލިއްބައި ދިނުމަށްޓަކައި ނިދާ ކޮޓަރީގެ ބޮކި ނުވަތަ ހޮޅިބުރި އެއްކޮށް ނިވާލައި އަނދިރި ކޮށްލައިގެން ނިދުމެވެ. އެހެނީ ކޮޓަރީގައިވާ އަލިކަމަކީ 8 ގަޑިއިރުގެ ނިދި ލިބުމަށް އޮތް ހުރަހެކެވެ. ނިދި ހަމަ ނުވުމަކީ ނަފްސާނީ އަދި ޖިސްމާނީ ގޮތުން ގެއްލުންހުރި ކަމެކެވެ.
އަނދިރި ވުމުން ސިކުނޑީގައިވާ "ޕައިނިއަލް ގްލޭންޑް" އިން "މިލޭޓޮނިން" އުފައްދަ އެވެ. މިލޭޓޮނިން އަކީ ހޯމޯން އެކެވެ. އޭގެ މަސައްކަތަކީ ނިދި އަންނަ ގޮތް ހެދުމެވެ. އައްޔަށް ހަށިގަނޑު ހުށަހެޅުމުން ސިކުޑިން މިބުނި "މިލޭޓޮނިން" އޭ ކިއުނު ހޯމޯން އުފެއްދުން ހުއްޓާލަ އެވެ. އަދި ނިދަން އުނދަގޫވެ އެވެ.
"ސާކާޑިއަމް ރިދްމް" އަކީ ހަށިގަނޑު ވަކި ގަޑިތަކަކަށް މަސައްކަތް ކުރުވާ އެތެރެހަށީގެ ގުދުރަތީ ގަޑި އެވެ. އޭގެ ސަބަބުން ހަށިގަނޑުން ވަކި ގަޑިތަކަށް ކަންކަން ކުރަން ބުނެ ދެ އެވެ. މިސާލަކަށް ނިދަން ވުމާއި ހޭލަންވުން ހިމެނެ އެވެ. ޓީވީ، ފޯން، ލެޕްޓޮޕް ނުވަތަ ޓެބްލެޓްސް ފަދަ ވަސީލަތްތަކުން ނުކުންނަ އަލީގެ ސަބަބުން މިބުނި ސާކާޑިއަމް ރިދަމްގެ މަސައްކަތަށް ހުރަސް އެޅެ އެވެ. ނިދާ ކޮޓަރީގެ ކުޑަދޮރުން ކޮޓަރި ތެރެއަށް އެޅޭ ބައެއް އަލީގެ ސަބަބުން ވެސް މި މައްސަލަ ކުރިމަތި ވެ އެވެ.
އެމެރިކާގެ ޗިކާގޯގައި ހުންނަ ނޯތު ވެސްޓާން ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގައި 2022ގައި ހެދި ދިރާސާއަކުން ހާމަވި ގޮތުގައި، ރޭގަނޑު ނިދާފައި އޮންނައިރު ކޮޓަރި ތެރެއަށް އެޅޭ ކިތަންމެ ކުޑަ އަލިކޮޅަކުން ވެސް ހިތުގެ މަސައްކަތަށް އަސަރު ފޯރަ އެވެ. އަދި ހަކުރު ކޮންޓްރޯލްކުރާ އިންސިއުލިންގެ މަސައްކަތަށް ވެސް ނުރަނގަޅު އަސަރު ކުރެ އެވެ. ނަތީޖާއަކަށް ވަނީ ހިތުގެ ބަލި، ހަކުރު ބަލި، ފަލަ ބައްޔަށް މަގުފަހި ވުމެވެ. އަދި ހަށިގަނޑުގައި ހަކަތަ އަންދާ ނިޒާމަށް ވެސް މައްސަލަ ޖެހުމެވެ.
ވަޒީފާގެ ގޮތުން ރޭގަނޑު ޑިއުޓީ އަދާކުރާ ފަރާތްތަށް ބޭނުން ކޮށްގެން 2018 ގައި ކުރި ދިރާސާއަކުން ހާމަވި ގޮތުގައި ރޭގަނޑުގެ ނިދިން މަހުރޫމްވެ ހުރެ، އަލީގައި މަސައްކަތް ކުރުމުގެ ސަބަބުން ހަށިގަނޑުގެ ހަކުރު ހަމައަކަށް ނޭޅި ހަކަތަ އެންދުމުގެ ނިޒާމަށް މައްސަލަ ޖެހުމުގެ އިތުރުން ފަލަބަލި ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ. ރޭގަނޑު ހޭލާ އުޅެފައި ދުވާލު ނިދާ މީހުން މިއޮތީ ވަރަށް ސީރިއަސްކޮށް ވިސްނަން ޖެހޭ މައްސަލަ އެކެވެ.
ނިދުމަށް ހުރި އެންމެ ބޮޑު ހުރަހެއްގެ ގޮތުގައި ބެލެވެނީ އައްޔެވެ. ނިދާފައި އޮންނަ ކޮޓަރިއަށް އަލި އެޅުމަކީ ނިދިއައުން ހުއްޓުވާ ކަމެކެވެ. އޭގެ ސަބަބުން ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމަށް މައްސަލަ ޖެހެ އެވެ. ވީމާ ނިދަން ފަސޭހަ ކުރުމަށްޓަކައި ނިދާ ކޮޓަރީގެ ދޮރުތަކުގައި އަނދިރި ކުލައިގެ ދޮރުފޮތި ހަރުކުރެވިދާނެ އެވެ. އަދި ލޮލުގައި "އައި މާސްކް" އެއް އެޅިދާނެ އެވެ. ސްކްރީންތަކުން ބޭރުވާ ނޫއަލި އަކީ ނިދުމަށް ހުރަސްއަޅާ އައްޔަކަށް ވާތީ ނިދަން 30 ވަރަކަށް މިނެޓްވުމުން ފޯން، ލެޕްޓޮޕް އަދި ޓީވީ ސްކްރީން އާއި ދުރުވުން މުހިންމެވެ.