ލަންޑަން (20 ފެބްރުއަރީ) - އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނަ ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯއްދަވަމުން ގެންދެވި ނަމަވެސް ބައެއް ރަސްމީ ޒިންމާތައް ކުރިއަށް ގެންދަވާނެ ކަމުގައި ބަކިންހަމް ޕެލެސްއިން ބުނެފި އެވެ.

ބަކިންހަމް ޕެލެސްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާނީ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި ބައެއް އަލާމާތްތައް ހުރި ނަމަވެސް މަގާމުގެ ޒިންމާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

"ބަލީގެ ބައެއް އަލާމާތްތައް ހުރި ނަމަވެސް ރާނީ ގެންދަވާނީ ގަނޑުވަރު ތެރެއިން މަގާމުގެ ޒިންމާތައް އަދާ ކުރައްވަމުން،" ބަޔާނުގައިވެ އެވެ.

ހަމައެއާއެކު އެކަމަނާއަށް ބޭނުންވާ ސިއްހީ ފަރުވާ ދެވޭނެ ކަމަށާއި ކޮވިޑްގެ ގަވާއިދުތަކުގެ މަތިން މި ދުވަސްތަކުގައި ކަން ކުރައްވަމުން ގެންދަވާނެ ކަމަށް ވެސް ޝާހީ ގަނޑުވަރުން ބުނެ އެވެ.

އެލިޒަަބަތު ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ އެކަމަނާގެ ދަރިކަލުން ޕްރިންސް ޗާލްސް ދެވަނަ ފަހަރަށް ކޮވިޑަށް ޕޮޒިޓިވް ވިތާ ދުވަސްކޮޅެއް ފަހުންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޗާލްސް ޕޮޒިޓިވް ވުމުގެ ދެތިން ދުވަސް ކުރިން ރާނީއާ ބައްދަލު ކުރައްވާފައިވެ އެވެ.

އުމުރުން 95 އަހަރުގެ ރާނީގެ ސިއްހަތުފުޅަކީ އިނގިރޭސި ވިލާތުގެ އިތުރުން މުޅި ދުނިޔޭގެ ސަމާލުކަން ވެސް ލިބިފައިވާ ކަމެކެވެ. މިދިޔަ އޮކްޓޯބަރު މަހު އެކަމަނާ ވަނީ ހޮސްޕިޓަލުގައި އެނދުމަތިވެގެން ވެސް ފަރުވާ ހޯއްދަވާފަ އެވެ.

އޭގެ ފަހުން އެލިޒަބަތު ވަނީ ހަރަކާތްތެރިވެ އުޅުމުގައި އުނދަގޫތަކެއް ހުރި ކަމަށް ޝާހީ ގަނޑުވަރުގެ މުވައްޒަފުންނާއި އާއިލާގެ މެމްބަރުންނަށް ދަންނަވާފަ އެވެ. -- އަލް އަރަބިއްޔާ