"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް މަސައްކަތްކުރާ ބިލަށް އެމްޑީޕީގެ ބައެއް މެންބަރުންގެ ހިޔާލު ތަފާތުވުން އެބަހުރި ކަމަށް އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރެއްގެ ގޮތުގައި ހުންނެވިއިރު އެންމެ ފަހު ކަމަކަށް ހުށަހެޅުއްވީ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ހުށަހެޅުއްވި ބިލު ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެ ބިލާމެދު ބޮޑެތި ހިޔާލުތަފާތުވުންތަކެއް މެންބަރުންގެ މެދުގައި އުފެދިފައިވާ ކަމަށެވެ.

"އެ ބިލަށް ވަރަށް ބޮޑު ހިޔާލު ތަފާތުވުންތަކެއް އޮތް. ވަކިން ހާއްސަކޮށް ސަރުކާރުގެ އެހީތެރިކަމަށް ބޭނުންވާ، ސަރުކާރުގެ އެކި އެކި ކަންކަމަށް ބޭނުންވާ މެންބަރުން، އެ ބިލާއި މެދު، ވަރަށް ބޮޑު ހިތްނުތަނަވަސް ކަމެއް، ގަބޫލު ނޫން ކަމެއް އޮތް ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފެނުނު،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އަލަށް އެކުލަވާލެވުނު ޕާލިމެންޓްރީ ގްރޫޕުން ސަރުކާރާ ވާހަކަދައްކައިގެން މި ބިލާމެދު ގޮތެއް ނިންމަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.