ރާއްޖޭގައި ހުރި ހުރިހާ މިނިވަން މުއައްސަސާއެއް މިހާރު އޯވަސީ ކުރަނީ އަވަށްޓެރި އިންޑިޔާއިން ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކުރުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ގާނޫނު އަސާސީއަށް ހުށައެޅުއްވި އިސްލާހަށް ވާހަކަފުޅު ދައްކަވަމުން މެންބަރު ޝިޔާމް ވިދާޅުވީ ރާއްޖޭގައި މިނިވަން މުއައްސަސާއެއް ހުރިނަމަ އެތަނެއް އޯވަސީ ކުރަނީ އިންޑިޔާގެ ޖަމާއަތަކުން ނުވަތަ ޖަމްއިއްޔާއަކުން ނުވަތަ އިންޑިޔާގެ ކޮންމެވެސް ވުޒާރާއަކުން ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ ޖޭއެސްސީގެ މަތިން ވެސް އެބައޮތްހެން އެކަހަލަ ކޮންމެ ވެސް އޯވަސީ ކުރާ ބޮޑީއެއް. ނޫނީ ޓްރެއިނިން ދޭ ބައެއް. އިލެކްޝަން ކޮމިޝަން. މިދަންނަވާހެން ހުރިހާ ޓްރެއިނިންތަކެއް އިންޑިޔާއިން. އެމްއެމްއޭގައި ހިނގާ ހުރިހާ މުއާމަލާތެއް، ފިނޭންސް މިނިސްޓްރީގައި ހިނގާ ހުރިހާ މުއާމަލާތެއް އިންޑިޔާއަށް އެބަ އެނގޭ. މިވަރުން ދިވެހިރާއްޖޭގައި ހުރި މިނިވަން މުއައްސަސާތައް މިނިވަންވެފައި ހުރިވަރު އެބަ އެނގޭ،" ޝިޔާމް ވިދާޅުވި އެވެ.

އަޅުގަނޑަށް ހީވަނީ ޖޭއެސްސީގެ މަތިން ވެސް އެބައޮތްހެން އެކަހަލަ ކޮންމެ ވެސް އޯވަސީ ކުރާ ބޮޑީއެއް. ނޫނީ ޓްރެއިނިން ދޭ ބައެއް. އިލެކްޝަން ކޮމިޝަން. މިދަންނަވާހެން ހުރިހާ ޓްރެއިނިންތަކެއް އިންޑިޔާއިން. އެމްއެމްއޭގައި ހިނގާ ހުރިހާ މުއާމަލާތެއް، ފިނޭންސް މިނިސްޓްރީގައި ހިނގާ ހުރިހާ މުއާމަލާތެއް އިންޑިޔާއަށް އެބަ އެނގޭ. މިވަރުން ދިވެހިރާއްޖޭގައި ހުރި މިނިވަން މުއައްސަސާތައް މިނިވަންވެފައި ހުރިވަރު އެބަ އެނގޭ،
ނައިފަރު ދާއިރާގެ މެމްބަރު

ޝިޔާމް ވިދާޅުވީ ޖޭއެސްސީ އިސްލާހުކުރުމަކީ މިސަރުކާރު ގެނައުމުގައި އެމްޑީޕީން އެންމެ ބާރަށް ދެއްކި އަދި އެންމެ މުހިންމު ވައުދުކަމަށާއި ނަމަވެސް 3 އަހަރުވެ ހަތަރު އަހަރު ވެގެންދާއިރުވެސް އެ އިސްލާހު ގެނެވިފައި ނުވަނީ އިހްލާސްތެރިކަން ނެތީމާކަމަށެވެ. އަދި އެމްޑީޕީން ޖޭއެސްސީ އިޞްލާހު ކުރުމަށް އެމްޑީޕީން ކުރެއްވި އެންމެ ކަމެއް ވިދާޅުވެދެއްވުމަށް އެމްޑީޕީ މެންބަރުންނަށް ގޮވާލެއްވިއެވެ.

އެމްޑީޕީން ކުރެއްވި ހަމައެކަނި ކަމަކީ ޖޭއެސްސީއަށް މަޖިލީހުގެ ރައީސް ނަޝީދާއި، އެމަނިކުފާނުގެ ވަކީލް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންއާއި، ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު އައްޔަންކުރުން ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި އެއީ އިސްލާހުކުރުން ކަމަށްވާ ނަމަ ދެން މަހިބަދޫ ދާއިރާގެ މެމްބަރުގެ ބިލުގެ ވެސް ބޭނުމެއް ނެތް ކަމަށް ވިދާޅުވި އެވެ.