ގާނޫނުގައި ބުނާ މުއްދަތު ހަމަވިތާ އެތައް ދުވަހެއް ފަހުން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް މެމްބަރުންގެ އައްޔަން ކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ނަންތައް ފޮނުވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ އޭސީސީއަށް އައްޔަންކުރަން ފެނިވަޑައިގަންނަވާ ބޭފުޅުންގެ ނަންފުޅުތައް ރައީސް އޮފީހުން މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ބޭފުޅުންގެ ނަންފުޅުތަކާއި އިތުރު ތަފުސީލުތައް ހާމަކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.

އޭސީސީގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ.

އޭސީސީގެ މެމްބަރުން އިސްތިއުފާ ދެއްވާފައިވަނީ އެމެމްބަރުންގެ ޕާފޯމަންސް އޮޑިޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން މެމްބަރުން ވަކި ކުރުމަށް ނިންމުމާ ގުޅިގެންނެވެ.

އޭސީސީ މެމްބަރުންގެ ޕާފޯމަންސް އޮޑިޓާ ގުޅިގެން އެކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން ވަނީ ބަޔާނެއް ވެސް ނެރުއްވާފަ އެވެ. އެ ބަޔާނުގައި ވަނީ ކޮމިޝަނުން ބޮޑެތި ގޮންޖެހުންތަކާއެކު ގިނަ މަސައްކަތްތަކެއް ކުރެއްވި ނަމަވެސް ރިޕޯޓުގައި އެކަން ފާހަގަކޮށްފައި ނުވާ ކަމަށެވެ.

ރައީސް އޮފީހުން މީގެ ކުރިން ބުނިގޮތުގައި އޭސީސީގެ މެންބަރުކަމުގެ ފަސް މަގާމަށް 34 މީހަކު ކުރިމަތިލާފައިވެ އެވެ. ނަމަވެސް މަޖިލީހަށް ފޮނުވީ ފަސް ނަމެކެވެ.

މަޖިލީހަށް ފޮނުއްވާފައިވާ ފަސް ބޭފުޅުންނަކީ:

  • އާދަމް ޝާމިލް، ތ. ވިލިފުށި، ރަތްވިލާގެ
  • އަބްދުއްސަލާމް، ށ. ނަރުދޫ، ހަވާ
  • ތާހާ މުހައްމަދު، އދ. މާމިގިލި، ކަޅިހާރުގެ
  • ޝަޒްނާ ހާޝިމް، ހދ. ނޮޅިވަރަންފަރު، ރިހިވިލު
  • ޝިޔާމާ މުހައްމަދު، ރ. ހުޅުދުއްފާރު، ނާރެސް

އޭސީސީއަށް ނަން ހުށައެޅުމަށް ފުރުސަތު ހުޅުވާލުމުން އެމްޑީޕީގެ ގިނަ އެކްޓިވިސްޓުންތަކެއް ސޯޝަލް މީޑިއާގައި ތާއީދުކުރަމުންދިޔަ ކުރިން ޓެންޑާ ބޯޓުގައި އާންމުން ތަމްސީލުކުރައްވާ މެންބަރުގެ މަގާމުގައި ހުންނެވި އިސްމާއީލް ޒަރިޔަންދު ވެސް ކުރިމަތި ލެއްވި އެވެ. ނަމަވެސް ޒަރިޔަންދުގެ ނަން ލިސްޓުގައި ނުހިމެނެ އެވެ.

ޖުމްލަ ފަސް މެންބަރުން ހިމެނިވަޑައިގަންނަވާ އޭސީސީގެ މެންބަރުންގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ވޯޓް ނަގަން ތައްޔާރުވެފައިވަނިކޮށް ހުރިހާ މެންބަރުން ވަނީ އިސްތިއުފާދެއްވާފަ އެވެ. އަދި އެއަށްފަހު އެ ކޮމިޝަން ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ.