މޮސްކޯ (24 ފެބްރުއަރީ) - ޔޫކްރެއިން ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގެ ނަމުގައި ރަޝިއާއިން އެ ގައުމުގައި ބޮޑު އަސްކަރީ އޮޕަރޭޝަނެއް ފަށައިފި އެވެ.

ރައީސް ވްލަމިދިރް ޕުޓިންގެ އަމުރަށް ފެށި މި އޮޕަރޭޝަނާއެކު ޔޫކްރެއިންއާއި ރަޝިއާއާ ގުޅޭ ބޯޑަރު ކައިރީގައި ހަރަކާތްތެރިވާ އަސްކަރީ އުޅަނދުތައް ވަނީ ޔޫކްރެއިންއަށް މިސްރާބު ޖަހާފަ އެވެ.

ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި ރަޝިއާގެ ރައީސް ވްލަމިދިރަ ޕުޓިން ބުނީ ޔޫކްރެއިންގައި އެގައުމުގެ އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަނަކީ ޔޫކްރެއިންގެ ސަރުކާރުން ދެމުން އައި އިންޒާރުތަކާއެކު އެގައުމުގެ މަސްލަހަތު ރައްކާތެރި ކުރަން ފެށި އޮޕަރޭޝަނެއް ކަމަށެވެ.

މި އޮޕަރޭޝަނާއެކު ޔޫކްރެއިންގެ ފޮރިން މިނިސްޓަރު ވަނީ ރަޝިއާއިން ޔޫކްރެއިން ހިފުމުގެ މިޝަން ރަސްމީކޮށް ފަށައިފި ކަމަށް ވިދާޅުވެ ޓްވީޓް ކޮށްފަ އެވެ. އަދި ޔޫކްރެއިން ރައްޔިތުންގެ ސަލާތަތަަށް ކޮންމެ ކަމެއްވެސް ކުރާނެ ކަމަށް އޭނާގެ ޓްވީޓްގައި ބުނެފައިވެ އެވެ.

ސީއެންއެންއިން ބުނިގޮތުގައި ޔޫކްރެއިންގެ ވެރިރަށް ކިއެވްއާއެކު އެހެން ސަރަހައްދުތަކެއްގައި ވެސް ބާރުގަދަ ގޮވުމުގެ އަޑުތައް ދަނީ އިވެމުންނެވެ.