ކޮވިޑް-19އާ ގުޅިގެން އިންޑިއާ އާއި ސްރީލަންކާގެ ބޯޑަރު ބަންދުކުރުމުން ރާއްޖެ ނާދެވި ތިބި ދިވެހިންގެ ތެރެއިން އެނބުރި އަންނަން ޓިކެޓް ނަގާފައިވާ ތާރީޚުގެ ކުރީ ދުވަސްތަކަށް ތިން މީހަކަށް 116,807ރ. އާސަންދަ ކުންފުނިން ދޫކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓަ ޖެނަރަލް އިއްޔެ ނެރުނު ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި އާސަންދަ ކުންފުނިން ކޮވިޑް-19 އާ ގުޅިގެން ޚަރަދުކުރިގޮތުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން އަމިއްލަ ގޮތުންނާއި އެންސްޕާ އާއި އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ގޮސް ތިބި ދިވެހިންގެ ތެރެއިން ގައުމުތަކުގެ ބޯޑަރު ބަންދުކުރުމުން އަނބުރާ ރާއްޖެ ނާދެވިފައިވާ މީހުންނަށް ފައިސާގެ އެހީ ދިނުމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަކޮށްފަ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން އިންޑިއާ އާއި ސްރީލަންކާއަށް ގޮސް ތިބި ދިވެހިންނަށް ހުރުމަށާއި ކެއުމަށްދޭ އެލަވަންސް ދިނުމަށް ކަނޑައެޅި "އޮޕަރޭޓިން ޕްރޮސީޖަ" ގައި އެހީ ދެވޭނީ ރާއްޖެއަށް އައުމަށް ޓިކެޓް ނަގާފައިވާ ތާރީޚުން ފެށިގެން ލޮކްޑައުން ފިލަންދެން ނުވަތަ އެމީހުން ރާއްޖެ އާދެވެންދެން ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ޖޫން 30ގެ ނިޔަލަށް އާސަންދަ ކުންފުނިން ފައިސާގެ އެހީ ދީފައިވާ މީހުންގެ ތެރެއިން ތިން މީހަކަށް ޓިކެޓް ނަގާފައިވާ ތާރީޚުގެ ކުރިއަށް 116,807ރ. ފައިސާގެ އެހީ ދީފައިވާކަން އެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެ އުސޫލުގައިވާ ގޮތުން މި ތިން މީހުންނަށް ދޭންޖެހެނީ 28,913 ރުފިޔާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ރިޕޯޓުގައި ފައިސާގެ އެހީ ދޭން ޖެހޭ ބައެއް ފަރާތްތަކަށް އެއް މުއްދަތަކަށް ދެ މުއައްސަސާއަކުން ފައިސާގެ އެހީ ފޮނުވާފައިވާ މައްސަލައެއް ވެސް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ގައުމުތަކުގެ ބޯޑަރު ބަންދުކުރުމުގެ ސަބަބުން އެނބުރި ރާއްޖެ ނާދެވިފައިވާ ހަތަރު މީހަކަށް ފައިސާގެ އެހީ ދިނުމުގައި އާސަންދަ ކުންފުންޏާއި ފޮރިން މިނިސްޓްރީން 21،033ރ. އިތުރަށް ދީފައިވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެ އޮޑިޓް ރިޕޯޓްގައި މަރުވެފައިވާ މީހަކަށް މަރުވި ތާރީޚުގެ ފަހުން އާސަންދަ ކުންފުންޏާއި އެންސްޕާއިން ފައިސާގެ އެހީގެ ގޮތުގައި 9،498ރ. އެ މީހާގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.

މިގޮތުން އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރުގައި ހުރި މީހެއް، 15 އޭޕްރީލް 2020 ގައި މަރުވެފައިވާކަން އޮޑިޓަރުންނަށް ލިބިފައިވާ ލިޔެކިޔުންތަކުން ފާހަގަވެފައި ވާކަމަށާއި ބަލިމީހާ މަރުވިކަން 16 އޭޕްރީލް 2020 ގައި ހޮސްޕިޓަލުން އާސަންދަ ކުންފުންޏަށް އަންގާފައިވާ ކަމަށް އާސަންދަ ކުންފުނިން އޮޑިޓަށް މައުލޫމާތު ދީފައި ވާކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ރިޕޯޓުގައި ފައިސާގެ އެހީ ދިނުމުގައި އުނިއިތުރު ހުރިކަން ވެސް ފާހަގަކޮށްފައިވެ އެވެ. އެގޮތުން އާސަންދަ އާއި އެންސްޕާއިން ޖޫން 30ގެ ނިޔަލަށް 42،408ރ. އިތުރަށް ޚަރަދުކޮށްފައިވާ ކަން ފާހަގަކޮށްފައިވެ އެވެ.

އެ އޮޑިޓް ރިޕޯޓުގައި ދައުލަތުން ކުރަން ނުޖެހޭ ހަރަދުތަކެއްކޮށްފައިވާތީ ދައުލަތަށް ލިބުނު ގެއްލުމުގެ ޒިންމާ އެ މުވައްޒަފުން އުފުލަން ޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ.