މަޝްހޫރު ސޯޝަލް މީޑިއާ ނެޓްވޯކް ޓިކްޓޮކް ވެސް ރަޝިއާގައި ބޭނުން ކުރުމުގައި ކޮންޓްރޯލްކޮށްފައިވާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.
ރަޝިއާގެ އާ ގަވާއިދުތަކާ ގުޅިގެން ޓިކްޓޮކުން ބުނީ ރަޝިއާގައި އެ އެޕްލިކޭޝަންގެ ލައިވްސްޓްރީމް ދެން ނުފެންނާނެ ކަމަށާއި ރަޝިއާގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކަށް އާ ވީޑިއޯތައް ވެސް އަޕްލޯޑް ނުކުރެވޭނެ ކަމަށެވެ.
އެހެން ނަމަވެސް އެޕްލިކޭޝަން މެދުވެރިކޮށް ކުރާ މެސެޖްތައް ކުރިއެކޭ އެއްފަދައިން ކުރެވޭނެ ކަމަށް ވެސް ޓިކްޓޮކްއިން ބުނެ އެވެ.
ޓިކްޓޮކްއިން ބުނި ގޮތުގައި މި ފިޔަވަޅަކީ ރަޝިއާގެ އާ ގަވާއިދުތަކަށް އަމަލު ކުރުމާއި އެކުންފުނީގެ މުވައްޒަފުންގެ ރައްކާތެރިކަން ޔަގީން ކުރުމުގެ ގޮތުންއެޅި ފިޔަވަޅެކެވެ.
ހަނގުރާމައާ ދެކޮޅު ޚިޔާލުތައް ފަތުރާ ކަމަށް ބުނެ ރަޝިއާއިން ވަނީ އެގައުމުގައި ސޯޝަލް މީޑިއާ ބޭނުން ކުރުން ވަރަށް ބޮޑަށް ހިފަހައްޓާފަ އެވެ.
ހަނގުރާމަ ފެށުނު ފަހުން ޓިކްޓޮކްގައި ވެސް އެކަމާ ބެހޭ މީމްސްތަކާއި ވީޑިއޯތައް ދައުރުވަމުން ދާއިރު މިކަމުގެ ސަބަބުން ރަޝިއާއިން ޓިކްޓޮކްއަށް ފިޔަވަޅު އަޅާފާނެ ކަމުގެ ބިރު އޮތީ ހީވެފަ އެވެ.