ޓެކްސީ ދަތުރުތައް ކޮށްދޭ އަގުތައް ބޮޑުކޮށްދޭން ސަރުކާރުން އެއްބަސްނުވުމުން، ޓެކްސީ ހޯދަން ހަދާފައިވާ މޮބައިލް އެޕްލިކޭޝަންތައް ޑައުންކޮށް، ޓެކްސީ ސެންޓަރުތައް ވެސް މިއަދު ބަންދުކޮށްފި އެވެ.

ތެލުގެ އަގު މިދުވަސްކޮޅު އުފެލުމުންދާތީ، މިއަދުން ފެށިގެން ޓެކްސީ ދަތުރުތައް ކޮށްދޭ އަގުބޮޑުކުރަން ސެންޓަރުތަކުން ނިންމައި، މިދިޔަ އާދީއްތަ ދުވަހު އެކަން ޓްރާންސްޕޯޓް މިނިސްޓްރީ އަށް އެންގި އެވެ. ނަަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން އެކަމަށް އިޖާބައެއް ނުދިނެވެ.

ޓެކްސީ ސެންޓަރުތަކުން ދިން މުހުލަތު މިއަދު މެންދުރު 2:00 ގައި ހަމަވިއިރު ވެސް ސަރުކާރުން އެއްވެސް އިޖާބައެއް ނުދިނުމުން އެންމެ ފަހުން މާލެ އާއި ހުޅުމާލޭގައި ދުއްވާ ޓެކްސީ ސެންޓަރުތަކުން ވަނީ ދަތުރުތައް ހުއްޓާލައި އިހުތިތާޖު ކުރަން ފަށައިފަ އެވެ.

ޓެކްސީ ޑްރައިވަރުން އިހުތިޖާޖުކުރަމުން ގެންދަނީ ހުޅުމާލޭގެ ރުއްގަނޑު ސަރަހައްދުގަ އެވެ.

އެ ސަރަހައްދުގައި ހުރި ޑްރައިވަރަކު ވުނީ މިރޭ 8 ގެ ފަހުން އެ އިހުތިޖާޖު ވަރުގަދަވާނެ ކަމަށެވެ. ނަމަވެސް އޭގެ ތަފުސީލެއް އޭނާ ނުދެ އެވެ.

ޓެކްސީތައް ދަތުރުކުރުން ހުއްޓާލައި، ޓެކްސީ އެޕްލިކޭޝަންތައް ބޭނުން ނުކުރެވޭ ގޮތް ހެދުމުން ގިނަ ބަޔަކު ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައި ވަނީ ޓެކްސީތަކުން ނަގަން އުޅޭ އަގު އެކަށީގެންވާ ވަރަށް ވުރެ ބޮޑު ކަމަށެވެ. އަދި ހިދުމަތުގައި ބޭނުންކުރާ ބައެއް ވެހިކަލްތައް ބާވުމާއި ސާފުތާހިރުކަން ކުޑަވުމާއި ޓެކްސީ ޑްރައިވަރުންގެ އަހުލާގު ހުންނަ ގޮތުން އެ ހިދުމަތް ދެކެ ވަރަށް ބޮޑަށް ފޫހިވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މާލޭ ސަރަހައްދުގައި ޓެކްސީ ހޯދަން ބޭނުންކުރާ ދެ އެޕްލިކޭޝަން ކަަމަށްވާ "އަވަސް ރައިޑް" އާއި "ކެބް އެމްވީ" އަކީ ވެސް ދެ ޓެކްސީ ސެންޓަރަކުން ހިންގާ އެޕްލިކޭޝަންތަކެކެވެ. މިހެންވުމުން މިފަދަ އިހުތިޖާޖުކުރުމުން އާއްމުންނަށް ހިދުމަތް ލިބޭނެ އިތުރު ގޮތެއް ނެތެވެ.