ނިއު ދިއްލީ (12 މާޗް) - އިންޑިއާއިން އޮޅިގެން ޕާކިސްތާނަށް މިސައިލެއް ފޮނުވާލެވިފައިވާ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީ އިން ބުނެފި އެވެ.

ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާޗް މަހުގެ ނުވަ ވަނަ ދުވަހު އިންޑިއާގެ މިސައިލެއް ޕާކިސްތާނަށް އަމާޒުވެފައިވާ ކަމަށާއި އެއީ ރޫޓިން ޓެސްޓުތަކުގެ ތެރެއިން ދިމާވި ހާދިސާއެއް ކަމަށެވެ.

"މި ހާދިސާގައި އެއްވެސް ތަނަކަށް ނުވަތަ މީހަކަށް ގެއްލުމެއް ލިބިފައި ނުވާތީ އުފާ ކުރަން،" މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނީ ބާރު ދުވެލީގައި އައި އެއްޗެއް އެގައުމުގެ އިރުމަތީ ރަށެއް ކަމަށްވާ މިއާ ޗައްނޫ ކައިރިއަށް ވެއްޓިފައިވާ ކަމަށާއި އެ މިސައިލް ދަތުރު ކޮށްފައިވަނީ ކޮމާޝަލް ފްލައިޓްތައް ވެސް ދަތުރުކުރާ މަގުން ކަމަށެވެ.

އިންޑިއާއިން ވަނީ މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގައި، އެއްވެސް އިހުމާލެއް ވާނަަމަ އެކަމަށް ފިޔަވަޅު އަޅާނެ ކަަމަށް ބުނެ އަމުރު ނެރެފަ އެވެ.

ޕާކިސްތާނުން ވަނީ ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަމަށް ސަމާލުވުމަށް އިންޑިއާއަށް އިލްތިމާސްކޮށް މިކަން ތަކުރާރު ވާނަމަ ނަތީޖާ ރަނގަޅު ނުވެދާނެ ކަމަށް ބުނެފަ އެވެ.

މި ހާދިސާގެ އިތުރު މަޝްވަރާތައް ކުރުމަށް އިންޑިއާގެ އޮފިޝަލުންނަށް ޕާކިސްތާނުން ދައުވަތު ދީފައިވާއިރު ތަހުގީގުގެ ރިޕޯޓު ވެސް އެ ގައުމުގެ އިދާރާތަކާ ހިއްސާ ކުރުމަށް ޕާކިސްތާނުން އިންޑިއާއަށް އަންގާފައިވެ އެވެ.

އިންޑިއާއާއި ޕާކިސްތާނަކީ ވެސް ނިއުކްލިއާ ބާރުތައް ލިބިގެންވާ ހަނގުރާމައިގެ ތާރީހެއް އޮތް ދެ ގައުމެވެ. -- ބީބީސީ