މީގެ ދެތިން ދުވަހެއް ކުރިން އަންހެނުންގެ ދުވަސް އަހަރެމެން މިވަނީ ފާހަގަކޮށްފަ އެވެ. މުޖުތަމައުގައި ފާހަގަ ކޮށްލެވޭ އަންހެނުންގެ ހިތްވަރު ފާހަގަކޮށް އެ މީހުންގެ އަގު ވަޒަންކޮށްފި އެވެ. މިއާއެކު ލިބޭ އުފަލަކީ މި ދިވެހިންގެ ތެރޭގައި ވެސް އެކި ރޮނގުތަކުން ކުރިއަރަމުން އަންނަ އަންހެނުން ގިނަވާ ކަމެކެވެ.

އެގޮތުން މިއީ ވެސް އެފަދަ އަންހެނަކަށެވެ. ހިތްވަރުގަދަ މަންމަ އެކެވެ. އޯގާތެރި މުދައްރިސެކެވެ. ހުނަރުވެރި ފަންނުވެރިއެކެވެ.

މައިމޫނާ ހުސެއިން 39، ގެ ހިތް ސްކޫލު ދައުރުން ފެށިގެން ވެސް އޮތީ ކުރެހުމަށް ދެވިފަ އެވެ. ބޮޑުވެގެން ވާން ބޭނުންވީ ކޮން ކަހަލަ މީހަކަށްތޯ ކުރެވޭ ސުވާލަށް އަބަދުވެސް އޭނާ ދިނީ އެއް ޖަވާބެކެވެ. ކޮންމެވެސް ދުވަހަކުން ރާއްޖޭގެ މަޝްހޫރު އާޓިސްޓަކަށް ވާން ބޭނުންވާ ވާހަކަ އެވެ.

https://www.instagram.com/p/CZoy5iiJfrt/?utm_medium=copy_link

"އެންމެ ކުޑައިރު ވެސް އާޓްސްއަށް ޝައުގުވެރިކަން ހުރޭ. ބޮޑުވެގެން ވާން ބޭނުންވާނީ ކޮންކަހަލަ މީހަކަށްހޭ އެހީމަ އަބަދުވެސް ބުނަމުން އައީ މަޝްހޫރު އާޓިސްޓަކަށޭ،" މައިމޫނާ ބުންޏެވެ.

އޭނާ އެ ހުވަފެންތަކުގައި ހިފައިގެން ދިރިއުޅުމުގެ ދުވަސްތައް ގުނަމުން ދަނިކޮށް އޭނާގެ ނަސީބު އަތުގައި ހިފީ ސާކް ފައުންޑޭޝަންގެ ފަރާތުން ޕާކިސްތާނުގައި އަލަށް ހުޅުވި ޔުނިވާސިޓީއެއްގައި ކިޔަވަން ސްކޮލާޝިޕް ލިބުނު ދެ ދިވެހި ދަރިވަރުންގެ ތެރޭގައި ހިމެނުމުންނެވެ.

ލިބުނު ފުރުސަތުގެ ބޭނުން ހިފައި މައިމޫނާގެ ހުވަފެންތަކުގައި ކުލަ ޖައްސަން ކުރި ދަތުރު ފެށީ އެ ދަތުރުގެ މިސްރާބެއް ނޭނގި އެވެ. ޑިގްރީ ނިންމައި މާސްޓާސް ވެސް ހަދައި ރާއްޖޭއަށް އޭނާ އެނބުރި އައީ ދިވެހި ރާއްޖެއިން ފައިން އާޓްސްގެ ރޮނގުން މާސްޓާސް ޑިގްރީ ހާސިލްކުރި ފުރަތަމަ އަންހެން ފަންނުވެރިޔާގެ ގޮތުގަ އެވެ.

https://www.instagram.com/p/CPOkjBqJ23P/?utm_medium=copy_link

"ސާކް ފައުންޑޭޝަންއިން ލިބުނު ފުރުސަތެއް އެއީ. އަޅުގަނޑު ހިމެނުނީ އެ އަހަރު ފުރުސަތު ލިބުނު ދެ ދަރިވަރުންގެ ތެރޭގައި،" މައިމޫނާ ބުންޏެވެ.

އެ ދުވަހަށްފަހު އޭނާގެ ދިރިއުޅުމަކީ އާޓްސް އެވެ. ފުލް ޓައިމް ވަޒީފާއެއްގެ ގޮތުގައި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ސެކަންޑްރީ ގްރޭޑްތަކަށް ކިޔަވައި ދެމުން ވެސް އާޓްސް އަށް އޭނާ ވަގުތު ހޯދަ އެވެ. ގޭގައި ނުވާނަމަ ސްކޫލުގެ އާޓް ރޫމް ތެރޭގަ އެވެ. އެގްޒިބިޝަންއެއް އޮވެއްޖެ ނަމަ ރޭގަނޑެއް މެންދަމަކަށް ބެލުމެއް ނެތި އެވެ.

މިހާ ހިސާބަށް އާދެވުނުއިރު މައިމޫނާގެ ދަތުރަކީ އުނދަގޫ ދަތުރެކޭ ބުނެވިދާނެ އެވެ. އެކަނިވެރި މައެއްގެ ގޮތުގައި 12 އަހަރުގެ ކުއްޖަކު ބަލައިބޮޑު ކުރަމުން ވަޒީފާގެ ބުރަ މަސްއޫލިއްޔަތު އަދާ ކުރަމުން އާޓްސްއަށް ވަގުތު ހުސް ކުރުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް މައިމޫނާގެ އަޒުމާއި ހިތްވަރާއެކު މި ހުރިހާ ކަމެއް ވެސް އޭނާ ކުރަނީ ރަނގަޅަށް ބެލެންސް ކޮށްގެންނެވެ.

https://www.instagram.com/p/CVcCEbTJe-c/?utm_medium=copy_link

"ޓީޗިންއަކީ ފުލްޓައިމް ޖޮބެއް ވީމަ އެކަމަކަށް ނޯވޭ ފަރުވާކުޑަ ކުރެވޭކަށް. އެގްޒިބިޝަންއެއް އޮތިއްޔާ މަސައްކަތް ކުރަން ދަންވަރު ވެސް،" މައިމޫނާ ބުންޏެވެ.

"މައިނާ އާޓްސް"ގެ ނަމުގައި އިންސްޓަގްރާމްގައި ހިންގާ މައިމޫނާގެ ޕޭޖުން އެ ހިތްގައިމު މަސައްކަތްތައް ފެންނައިރު ކޮންމެ މަސައްކަތަކީ ވެސް އިހުނަށް ވުރެ ފުރިހަމަ މަސައްކަތެކޭ ބުނުން ދޮގަކަށް ނުވާނެ އެވެ.

މި ދާއިރާގައި މައިމޫނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އޭނާގެ ކަސްޓަމަރުންނާއި ހެޔޮ އެދޭ ފަރާތަތަކުން ލިބޭ ތައުރީފާއި ސާބަސް ދިނުމުގެ ބަސްތަކެވެ. ދެގޮތެއް ނުވެ ކުރިއަށް ދާން އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީވެސް އެއީ އެވެ.

މައިމޫނާ ބުނާ ގޮތުގައި ރާއްޖޭގައި އާޓްސްގެ ރޮނގުން ކުރިއަށް ދިއުމުގައި ގޮންޖެހުންތައް ގިނަ އެވެ. މައިމޫނާއަކީ ސްކަލްޕްޗާ އާޓިސްޓަކަށްވުމާއެކު ރާއްޖެއިން އޭނާ ބޭނުންވާ ސާމާނު ނުލިބުމާއި ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން އޭނާ ފާހަގަ ކުރި އެވެ.

https://www.instagram.com/p/CL-2C2wJZ3f/?utm_medium=copy_link

"ސްކަލްޕްޗާ ހަދަން ބޭނުންވާ އެއްޗެހި ނުލިބުމާއި އަގުބޮޑުވުން ފަދަ ކަންކަން ފާހަގަ ކުރެވޭ. އަދި މާލޭގެ ޖާގައިގެ ދަތިކަމުން ސްކަލްޕްޗާ ހަދަން ވެސް އުނދަގޫ،" މައިމޫނާ ބުންޏެވެ.

މިހާތަނަށް ރާއްޖޭގައި ބޭއްވި ގިނަ އާޓްސް މައުރަޒުތަކުގައި މައިމޫނާގެ މަސައްކަތްތައް ފެނިގެން ގޮސްފައިވާއިރު އޭނާއަށް ވަނީ މި މައުރަޒުތަކުން ގިނަ ކާމިޔާބީ ތަކެއް ވެސް ލިބިފަ އެވެ. އާޓްސްގެ ރޮނގުން މައިމޫނާގެ ޚިދުމަތްތައް ފާހަގަކޮށް އޭނާއަށް 2021 ވަނަ އަހަރު ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ގައުމާ އިނާމު ވެސް ލިބިފައިވެ އެވެ.

https://www.instagram.com/p/CUy_bonpm6V/?utm_medium=copy_link

އެހެން ނަމަވެސް މި ދަތިތަކާ އެކުވެސް މި ދާއިރާއިން ކުރިއަށް ދިއުމަށް ރަނގަޅު ފުރުސަތުތަކެއް އޮތް ކަމަށް އޭނާ ގަބޫލު ކުރެ އެވެ. މި ދާއިރާއަށް ނުކުންނަން ބޭނުންވާ ކުދިންނަށް މައިމޫނާ ދޭން އޮތް ނަސޭހަތަކީ އާމްދަނީ ހޯދުމުގައި ފުރަތަމަ މިކަމަށް ބަރޯސާ ނުވުމެވެ.

ނަމަވެސް ހިތްވަރު އެލުވާނުލާ ކުރިއަށް ގޮސްފިނަމަ ކޮންމެވެސް ދުވަހަކުން މި ދާއިރާއިން ވެސް ރަނގަޅު ކުރިމަގެއް ފެންނާނެ ކަމަށް މައިމޫނާ ބުންޏެވެ.

"އެންމެ ފުރަތަމަކޮޅު އާމްދަނީއަށް ބަލައިގެން ކުރިއަށް ދާން ވަރަށް އުނދަގޫ ވާނެ. އެކަމަކު ގިނައިން ޕްރެކްޓިސް ކޮށްގެން ހަމަ ކުރިއަށް ދެވޭނެ،" އޭނާ ބުންޏެވެ.

https://www.instagram.com/p/CXNW5G1JbIX/?utm_medium=copy_link

މިހާ ހިސާބަށް އާދެވުނު އިރު މައިމޫނާގެ ޝުކުރުގެ ލިސްޓު ވަރަށް ދިގެވެ. ސްކޫލް ދައުރުގެ މުދައްރިސުން ފެށިގެން ޕާކިސްތާނުގެ ލެކްޗަރަރުންގެ އިތުރުން ވެސް އާއިލާއާއި ރަހުމަތްތެރިން އޭނާ ފާހަގަކުރީ ޝުކުރުވެރި ކަމާއެކުގަ އެވެ. ހާއްސަކޮށް މަންމައާއި ދަރިފުޅު އަދި އެންމެ ގާތް ރަހުމަތްތެރިޔާގެ ނަން އޭނާ ފާހަގަކުރި އެވެ.

"އާއިލާއާއި ރައްޓެހިންގެ ފަރާތުން ވަރަށް އެހީތެރިކަން ލިބޭ. ހާއްސަކޮށް މަންމައާއި ބެސްޓް ފްރެންޑް އަދި ދަރިފުޅު ފާހަގަ ކޮށްލަން،" މައިމޫނާ ބުންޏެވެ.

ހަމައެއާއެކު އާޓްސްގެ ރޮނގުން އޭނާއަށް އެހީތެރިކަން ފޯރުކޮށް ދިން ބޭފުޅުން ކަމަށްވާ ނައުޝާދު ވަހީދާއި އަހުމަދު ޝުވައިބް އަދި އަހުމަދު ނައީމަކީ ވެސް މައިމޫނާގެ ޝުކުރުގެ ލިސްޓުގައި ނަން ފާހަގަކުރި ފަރާތްތަކެވެ.

https://www.instagram.com/p/COUb3BKpC1q/?utm_medium=copy_link

މައިމޫނާ އަދިވެސް ހުރީ މި ރޮނގުން ދެވުނު އެންމެ ކުރިއަކަށް ދާށެވެ. ހިތްވަރާއެކު އެހެން އަންހެނުންނަށް މިސާލު ދައްކައިދޭށެވެ. އަރަމުން އަންނަ ފަންނުވެރިންނަށް އޭނާގެ މަސައްކަތުން ހިތްވަރު ދޭށެވެ.

މައިމޫނާ ފަދަ އަންހެނުންނަކީ އަހަރުމެންގެ މުޖުތަމައަށް ބޭނުންވާ ފަރުދުންނެވެ. އެއީ ތައުލީމާއި މަސައްކަތުގެ ދާއިރާއިން ޖިންސީ ތަފާތު ކުރުންތައް ނައްތާލަން އެހީވެދޭ އަންހެނުންނެވެ.