އިއާދަ ނުކުރެވިދާނެ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އައްޑޫގެ ބިން ހިއްކުމާ ގުޅޭ ގޮތުން ހަދާފައިވާ އެންވަޔަރަމަންޓަލް އިމްޕެކްޓް އެެސެސްމަންޓްގައި ބުނެފައި އޮތް ނަމަވެސް، އެ ޕްރޮޖެކްޓް ހުއްޓުވުމުގެ ވިސްނުމެއް ނެތް ކަމަސް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ބިންހިއްކުމާ ގުޅޭ ގޮތުން ޝަރީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ބިން ހިއްކުމުގެ ހުރިހާ ޕްރޮޖެކްޓްތަކަކީ ވެސް ތިމާވެއްޓަށް ބޮޑެތި ގެއްލުން ލިބޭ ޕްރޮޖެކްޓްތައް ކަމަށެވެ. އަދި އައްޑޫގެ ބިން ހިއްކުމުގެ ޕްރޮޖެކްޓް މިހާރު އައިސްފައިވާ ހިސާބަށް އައުމުން އެ މަސައްކައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށާއި އައްޑޫގެ ގިނަ ރައްޔިތުންގެ ވިސްނުން ވެސް ހުރީ ޕްރޮޖެކްޓް ކުރިއަށް ގެންދަން ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ އައްޑޫގެ ބިން ހިއްކުމުގެ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހޯދުމަށް އިންޑިއާގެ އެގްޒިމް ބޭންކާއެކު ސޮއިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ބިން ހިއްކުން ފެށުމަށް އެންމެ ބޮޑަށް ދިމާވެގެން އުޅޭ މައްސަލައަކީ އީއައިއޭގެ މައްސަލަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެން ނަމަވެސް އެގްޒިމް ބޭންކާއެކު ސޮއިކުރުމަށް އެޕްރޫވަލް ލިބޭ ހިސާބަށްދާއިރު އީއައިއޭގަ ކަންތައް ކޮންމެވެސް ކޮޅެއްގައި ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް ވަނީ މީގެ ކުރިން އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާއާ ވެސް ހަމަ މި ސުވާލު ކުރައްވާފަ އެވެ. ޝައުނާ ވެސް ވިދާޅުވެފައި ވަނީ އައްޑޫގެ ބިން ހިއްކުން ނުހުއްޓުވާނެ ކަމަށެވެ.