ރާއްޖޭގައި ފޭކް ޔޫއެސް ޑޮލަރު ވިއްކަމުންދާކަމުގެ މައްސަލަތައް ފުލުހުންނަށް ރިޕޯޓްކުރަމުންދާތީ ސަމާލުވާން މިއަދު އެދިއްޖެ އެވެ.

ފުލުހުން ބުނީ މަނީ އެކްސްޗޭންޖްގެ ނަމުގައި ހިންގާ ވައިބާ ކޮމިއުނިޓީތަކާއި ޝޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ޑޮލަރު ވިއްކާ ކަމަށް އިޝްތިހާރުކޮށްގެން ސައްހަ ނޫން ޑޮލަރުގެ ވިޔަފާރިކުރަމުންދާ ކަމަށެވެ. އެފަދަ މައްސަލަތަކެއް އެ އިދާރާއިން މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެެވެ.

ފުލުހުން ބުނީ އެ މީހުން އެ ވިޔަފާރިކުރަނީ މަނީ އެކްސްޗޭންޖް ވައިބާ ކޮމިއުނިޓީގައި ޔޫއެސް ޑޮލަރު ވިއްކަން ޖެހުމުން، ޑޮލަރު ގަންނަން ބޭނުންވާ މީހާއާ ވަކިން ވާހަކަ ދައްކައި އެ މީހުން ވަކި ތަނަށް ގެންގޮސްގެން ކަމަށެވެ.

އެގޮތަށް އާންމުކޮށް ގެންދަނީ މީހުން މަދު ނުވަތަ މީހުން އާންމުކޮށް ނޫޅޭ ސަރަހައްދުތަކަށް ކަމަށާއި ޑޮލަރު ގަންނަން ބޭނުންވާ މީހާ ދިވެހި ފައިސާ ދިނުމުން ފޭކް ޔޫއެސް ޑޮލަރު ދެމުންދާ ކަަމަށް ފުލުހުން ބުންޏެވެ.

ވަރަށް ފުޅާކޮށް ރާއްޖޭގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކޮށް އުޅޭއިރު ގިނަ ބަޔަކު އެ މީހުންނާ އެކު މި މުއާމަލާތް ހިންގަ އެވެ.

އެކަމަކު ފޭކް ޑޮލަރު ވިއްކަމުންދާތީ ފުލުހުން އެދެނީ ބޭރު ފައިސާ އެކްސްޗޭންޖް ކުރުމުގެ ހުއްދަ އޮތް ފަރާތްތައް މެދުވެރިކޮށް ނޫނީ އެފަދަ މުއާމަލާތުތައް ނުހިންގުމަށެވެ. އަދި މަނީ އެކްސްޗޭންޖް ކުރުމަށްފަހު ދޭ ފައިސާއަކީ ސައްހަ ފައިސާކަން ކަށަވަރު ކުރުމަށްފަހު ނޫނީ އެފަދަ މުއާމަލާތުތައް ނުހިންގުމަށް ވެސް އިލްތިމާސްކުރި އެވެ.

ސައްހަ ނޫން ޔޫއެސް ޑޮލަރު ވިއްކަމުންދާ ކަމުގެ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅި ދަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުން ބުނި ނަމަވެސް ފުލުހުންނަށް ހުށަހެޅިފައި ވަނީ އެފަދަ ކިތައް މައްސަލަކަމެއް ހާމަކޮށްފައެއް ނުވެ އެވެ.