އައްޑޫ ސިޓީގެ ހަންކެޑަ ތަރައްގީކުރުމަށް ސަރުކާރުން އުފައްދާފައިވާ "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް"ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީސީއޯގެ މަގާމުގައި ހުންނެވި އާއިޝަތު ޒަމްރާ ޒާހިރު އައްޔަންކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި އެ މަގާމަށް އޭނާ އައްޔަންކުރީ މިދިޔަ ބުރާސްފަތި ދުވަހެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އުފެއްދެވީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު އެވެ. އަދި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރެއްވީ މި ހިނގާ މަހުގެ 27 ވަނަ ދުވަހު އެވެ.

މި ކޯޕަރޭޝަން އުފެއްދުމުގެ މައިގަނޑު ބޭނުމަކީ އިންޓެގްރޭޓެޑް ޓޫރިޒަމް މޮޑެލްގެ ދަށުން ހަންކެޑަ ތަރައްގީކޮށް، އައްޑޫގެ ފަތުރުވެރިކަން ފުޅާކުރުމެވެ. އަދި ފަތުރުވެރިކަމުން ލިބޭ ނަފާ އައްޑޫ ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދީ، ސަރުކާރުގެ އިގްތިސާދީ ލަނޑުދަނޑިތައް ހާސިލުކުރުމެވެ.

ހަންކެޑައަކީ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރާ ސަރަހައްދެއްގެ ގޮތުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، 2021 ޑިސެމްބަރު 2 ގައި ވަނީ ގަރާރަކުން ކަނޑައަޅުއްވާފަ އެވެ.