ކޮވިޑުން ރައްކާތެރިވުމަށް އުފައްދާ ވެކްސިން އަންނަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ ގެނައުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް (ކެރަފާ ނަސީމް) ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް ނިއުސްއިން ރޭ ގެނެސްދިން ދައުލަތުގެ ބަޖެޓް 2021 ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާ ހެލްތު މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު ނުވަތަ ފެބްރުއަރީ ކުރީކޮޅު ކޮވިޑް ވެކްސިން ރާއްޖެއަށް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވާ ވެކްސިން ހޯދުމުގެ މަސައްކަތް ޑަބްލިއުއެޗްއޯއާ ވާހަކަދައްކައިގެން ހޯދުމަށް މަސައްކަތްކުރައްވާ ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު ވެސް ވެކްސިން ބަހައްޓަން ސްޓޯރޭޖް ހަމަޖައްސަން ޖެހޭ. އެކި ބައިބަޔަށް ވެކްސިން ލިބެނީ. ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށާއި ދެން އުމުރުން ދުވަސްވީ މީހުންނަށް،" މިނިސްޓަރު ވިދާޅުވި އެވެ. "އެކަހަލަ ގޮތަކަށް އައިސް އާއްމުވެގެންދާނީ. އަޅުގަނޑުމެންނަށް ގަތުމުގެ ޗާންސް ވެސް އޮންނާނެ."

https://www.facebook.com/newspsm/videos/421734992152444

ނަސީމް ވިދާޅުވީ ހެލްތު ސެކްޓަރަކަށް އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓްގެ ތެރެއިން ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ގެނެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ރައްޔިތުންނަށް ވީހާވެސް އަވަހަކަށް މި ވެކްސިން ގެންނަން ޖެހޭ. އެކަމަކު ގެންނަން ވާނީ ޓެސްޓެޑް ޓްރައިލް އެއްޗެއް ގެންނަންވާނީ. ޓްރައިލް އެއްޗެއް ގެނެސްގެން ކަމަކު ނުދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް މިދިޔަ ހަފުތާގައި ވިދާޅުވީ ކޮވިޑް-19 ގެ ވެކްސިން ދިވެހިންނަށް ހިލޭ ދިނުމާމެދު ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް ދިވެހިންނަށް ބޭނުންވާ ވެކްސިން ހޯދައިދިނުމަށް ކޮވިޑްގެ ވެކްސިން ދުނިޔެއަށް ފޯރުކޮށްދޭން ހަރަކާތްތެރިވާ ކޯވެކްސް ފެސިލިޓީގައި ރާއްޖެ ބައިވެރިވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑް ބަލިމަޑުކަން ނައްތާލަން ކުރަން ޖެހޭ ޚަރަދުތަކަށް 200 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވެ އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑްގެ ވެކްސިން ރާއްޖެއަށް ހޯދުމަށް ވޯލްޑް ބޭންކާއެކު ވާހަކަދައްކަމުން އަންނަ ކަމަށެވެ. އަދި ވެކްސިން ގެނައުމަށް ބޭނުންވާ ފައިސާ ވެސް ހަމަޖެހިފައިވާ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

"އެކަމަށް ބޭނުންވާ ފައިސާ އެހެރީ ހަމަޖެހިފައި. އަދި އަޅުގަނޑުމެންނަށް ހިލޭ ވެސް ބައެއް ލިބުން އެކަށީގެންވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުން މިހާރު ވަނީ ކޮވިޑް ވެކްސިން ހިލޭ ރައްޔިތުންނަށް ދޭން ނިންމައިފަ އެވެ. އެކަމަށް ބައެއް ގައުމުތަކުން ވަނީ އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ ބަޖެޓް ކަނޑައަޅައިފަ އެވެ.