މާލޭގައި ފުލުހުން ހިންގި ޑްރަގް ހޯދުމުގެ ހާއްސަ އޮޕަރޭޝަނެއްގައި ގެއެއްގެ ތަޅުންގަނޑު އަޑީގައި ވަޅުލާފައި ހުރި 42 ކިލޯގެ ހެރޮއިން އަތުލައިގެންފި އެވެ.

ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ތަކެތި އަތުލައިގެންފައި ވަނީ ފުލުހުންނާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް އެންޑް ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި އަތުލައިގަތް ޑްރަގް ފެނިފައިވަނީ މާފަންނުގައި ހުރި ގެއެއްގެ ތަޅުންގަނޑުގެ އަޑީގައި ވަޅުލާފައި ހުއްޓާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ މިމަސްތުވާތަކެތި ފޮރުވުމަށްޓަގައި އެގޭ ތެރޭގައި ބިމު އަޑީގައި ވަޅެއް ކޮނެ، އޭގެ މަތީގައި ސިމެންތި އެޅުމަށްފަހު މުށި ވެސް ޖަހާފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން މިތަން ހޯދައި އެތަން ތަޅާލުމަށްފަހު އޭގެ ތެރޭގައި ހުރި މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އެ ތަކެތި ފެނުނީ އައިޖީއެމްއެޗް ކައިރީގައި ހުންނަ ފުލުހުންގެ ކުޑަކުދިންގެ މައްސަލަތައް ބަލާ ޔުނިޓްގެ އޮފީސް ކުރިމަތީގައި ހުރި ގެއަކުންނެވެ. ދެ ބުރިއަށް ހަދާފައިވާ އެ ތަނުގައި މީހުން ދިރިއެއްނޫޅެ އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި މިހާރު އެކަކު ހައްޔަރުކޮށް، މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މާފަންނު ގެއެއްގެ ތެރޭގައި މަސްތުވާތަކެތި ވަޅުލާފައި ހުރި ތަން ފުލުހުން ރޭ ތަޅާލައިގެން ނަގާފައި. ފޮޓޯ: ޕޮލިސް

ޕިކަޕެއްގައި ޑްރަގްސް އުފުލަނިކޮށް މިދިޔަ އާދީއްތަ ދުވަހުގެ ރޭ ވެސް ފުލުހުން ވަނީ އެ މީހުން ހުއްޓުވައި މަސްތުވާތަކެތި އަތުލައިގެންފަ އެވެ. އެ ޕިކަޕުން ފެނުނު 17 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހަތަރު ފިރިހެނަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ 27-37 އަހަރުގެ ދެ ދިވެހިންނާއި ބަންގްލަދޭޝްގެ ދެ މީހަކެވެ.