ރައްޔިތުންގެ މަޖިލީހުގައި ވަޒީރުން އިތުރުފުޅު ހައްދަވާފައިވާތީވެ، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި ފިޔަވަޅު އެޅުމަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށައެޅުއްވި މައްސަލަ ކޮމިޓީއަށް ނުފޮނުވާ ބޭރުކޮށްލައިފި އެވެ. ވަޒީރުންގެ މައްސަލަ މަޖިލީހުގެ ތަޅުމުން ބަލައިގަނެ ހޫނު ބަހުސެއް މިއަދު ކުރިއަށް ދިޔައިރު އާދަމް ޝަރީފް ހުށަހެޅުއްވީ އެ މައްސަލަ އިތުރަށް ދިރާސާކުރަން ކޮމިޓީއަށް ފޮނުވާށެވެ. އަދި އެކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ތާއީދުކުރެއްވި އެވެ.

ބަހުސް ނިންމައި ކޮމިޓީއަށް ފޮނުވަން ވޯޓު ނެގުމުން އެކަމަށް ތާއިދު ކުރެއްވީ އެންމެ ނުވަ މެމްބަރުން ނެވެ. ނުފެންނަކަަމަށް 13 މެމްބަރަކު ވޯޓު ދެއްވި އެވެ.

ކޯޓުތަކުގައި މައްސަލަތައް ލަސްވުމާގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން 17 ފެބްރުއަރީ 2022 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ގޯސްހަދާ ފަރާތްތައް ފުލުހުންގެ އިދާރާއާއި ތަހުގީގީ އެހެން އިދާރާތަކުގައި ވެސް އެބަތިބި ކަމަށާއި، އެފަދަ ފަރާތްތަކުން ގޯސް ހަދަނީ ރޭވިގެން، އިންތިޒާމްވެގެން ކުރާކަމެއްގެ ގޮތުގައިކަމަށް އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވުމާގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ލިޔުމުން ކުރެއްވި ސުވާލަކަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ފޮނުއްވި ޖަވާބުގައިވަނީ ، ގަސްތުގައި ގޯސްހަދާ ބަޔަކު ދިވެހި ފުލުހުންގެ ހިދުމަތުގައި ނެތްކަމަށެވެ.

އިމްރާންގެ މިޖަވާބާ ގުޅިގެން، ކޮންމެވެސް އެއް ވަޒީރަކު އިތުރުފުޅު ހައްދަވާކަމަށް މަޖިލީހުގެ ރިޔާސަތުން ފާހަގަ ކުރައްވާފައިވާތީވެ، ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅު ހެއްދެވުމުގެ ސަބަބުން އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ނުވަތަ ހޯމް މިނިސްޓަރ ޢިމްރާން ގާނޫނުއަސާސީގެ 98 ވަނަ މާއްދާއާ ހިލާފުވެފައިވާކަމަށް ގަބޫލު ކުރެވޭތީވެ، މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި ޤާނޫނުއަސާސީއާ ހިލާފުވެފައިވާ ވަޒީރު ދެނެގަނެ، އެ ވަޒީރާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ޝަރީފް ހުށައެޅި މައްސަލައިގައިވަނީ ގޮވާލާފަ އެވެ.