އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 2021 ވަނަ އަހަރުގެ ބަޖެޓުގެ މަސައްކަތް ދިރާސާކުރާ ކޮމެޓީގެ ރިޕޯޓު އަންނަ ބުރާސްފަތި ދުވަހަށް ނިންމުމަށް ފާސްކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައި ވަނީ 34.78 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ހުށަހުއްވީ މިދިޔަ ހޯމަ ދުވަހު އެވެ.

ބަޖެޓް ދިރާސާ ކުރަމުން އަންނަނީ ރައްޔިތުންގެ މަޖިލީހުން އިގްތިސޯދީ ކޮމެޓީ އާއި މާލިއްޔަތު ކޮމެޓީ ހިމެނޭ ގޮތަށް އެކުލަވާލައިފައިވާ ކޮމެޓީއަކުންނެވެ.

އެގޮތަށް ހުށަހެޅީ ކޮމެޓީގައި އިންނަވާ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) އެވެ. އަދި ބިގޭގެ ހުށަހެޅުން ފާސްވީ ކޮމެޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ކުރިޔަށް ގެންދަނީ. ފޮޓޯ: މަޖްލިސް

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަޖެޓު ބަހުސް ކުރިއަށް ދަނީ އަންނަ އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހު ކަމަށެވެ. އެ ތިން ދުވަހުގެ ރެޔާއި ދުވާލު ބަހުސް ކުރިއަށް ދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އަންނަ އަންގާރަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް އެދުވަހު ވެސް މަޖިލީހުގެ ޖަލްސާ އޮންނާނެ ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

ނަޝީދު ވަނީ ބަޖެޓް ހުށަހެޅު ދުވަހު ބަޖެޓު ކޮމިޓީއިން ބަޖެޓް ދިރާސާ ކުރުމަށް ފަހު ބުރާސްފަތި ދުވަހު ބަޖެޓު ތަޅުމާ ހަމައަށް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ކޮމިޓީ ރިޕޯޓަށް އިސްލާހު ހުށަހެޅުމުގެ ފަހު ދުވަހަކީ މިމަހުގެ 22 ވަނަ ދުވަސް ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ބަޖެޓު ކޮމިޓީގެ ރިޕޯޓަށް ބަހުސް ފަށާނީ މިމަހުގެ 23 ވަނަ ދުވަހު ކަމަށެވެ. އަދި އެކަމަށް 10 ވަަރަކަށް ގަޑިއިރު ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ބަޖެޓަށް ވޯޓަށް އެހޭނެ ކަމަށް ލަފާކޮށްފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

މިއަހަރު ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގެ ބަހުސް އަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ކަނޑައަޅާފައި ވަނީ 21 ގަޑިއިރެވެ. މިވަގުތުގެ ތެރޭގައި ކޮންމެ މެންބަރަކަށް 15 މިނެޓުގެ ވަގުތެއް ލިބިގެން ދާނެ އެވެ.

ބަޖެޓް ކޮމިޓީން ވަނީ މިނިވަން މުއައްސަސާތަކާ މިއަދު ބައްދަލުކުރަން ނިންމައިފަ އެވެ. އެގޮތުން ސިވިލްސާވިސް ކޮމިޝަނާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން، އިސްލާމިކް ޔުނިވާސިޓީ، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ އަދި އިލެކްޝަންސް ކޮމިޝަނާ ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.