ސްރީލަންކާ ސަރުކާރުން އެގައުމަށް މަސް އެތެރެކުރުމުގެ ސިޔާސަތުތަކަށް ގެނައި ބަދަލުތަކާ ގުޅިގެން ލަންކާއަށް އެތެރެ ނުކުރެވި، ކަސްޓަމްސްގައި ތާށިވެފައި ހުރި މަހުގެ ޝިޕްމަންޓް ލަންކާއަށް އެތެރެކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ލަންކާގެ ކަސްޓަމްސްގައި ތާށިވެފައި ހުރި މަހުގެ ޝިޕްމަންޓްތައް އެގައުމަށް އެތެރެކުރެވިފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ސްރީލަންކާގައި ހުންނަވާ ދިވެހި ހައިކޮމިޝަނަރު އުމަރު އަބްދުއްރައްޒާގާއި ސްރީލަންކާ ސަރުކާރުގެ އިސް ބޭފުޅުންނާއެކު ކުރެއްވި މަޝްވަރާތަކަށްފަހު ކަމަށެވެ.

ރާއްޖޭގެ މަހުގެ އުފެއްދުންތައް، ލަންކާ ސަރުކާރުން ކުރިންވެސް ދީފައިވާ ޔަގީންކަމާ އެއްގޮތަށް ލަންކާއަށް އެތެރެކުރެވޭނެ ފަސޭހަ އިންތިޒާމްތައް ހަމަޖެއްސުމާ ގުޅޭ ގޮތުން ލަންކާ ސަރުކާރާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގެންދަވަނީ މަޝްވަރާކުރައްވަމުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ސްރީލަންކާއަށް މަހުގެ ބާވަތްތައް އެކްސްޕޯޓްކުރުން މިމަހުގެ ކުރީކޮޅު ވަނީ ވަގުތީ ގޮތުން މަނާކޮށްފަ އެވެ.

ލަންކާގެ ޑިޕާޓްމަންޓް އޮފް ފިޝަރީޒް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19އާ ގުޅިގެން ލަންކާގެ މަހުގެ ބާވަތްތައް މާކެޓްކުރުމުގެ ނިޒާމް ހުއްޓި އަދި މަސްވެރިން ބާނާ މިވަގުތު ލިބެނީ މަސް ބަނދަރުތަކުންނާއި މަސްވެރިން ލަފާ ސަރަހައްދުގެ އަތިރިމަތިން ކަމަށެވެ. އަދި ތާޒާ މަސް ރައްކާކޮށް ބެލެހެއްޓޭނެ ނިޒާމެއް ނެތުމުން ގިނަ އަދަދެއްގެ މަސް ކައްކައި ހިއްކަމުން ގެންދާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ މިވަގުތުގެ ހާލަތަށް ބަލައި މަހުގެ އެއްވެސް ބާވަތެއް އިމްޕޯޓްކުރުމުގެ ހުއްދަ ނުދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ހުއްދަ އަލުން ދޭނެ ދުވަހެއް އެ ޑިޕާޓްމަންޓުން ނެރުނު ބަޔާނުގައި ބުނެފައެއް ނުވެ އެވެ.