މި ރޯދަ މަހު މާލޭގައި ވިޔަފާރި މުދާ އުފުލަން ވަކި ގަޑިތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ކަނޑައަޅައިފި އެވެ.
ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް މުދާ އުފުލަން ވަކި ގަޑިތަކެއް ކަނޑައަޅައި އިއުލާންކުރެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިފަަހަރު ނެރުނު އިއުލާނުގައި ވެސް ހަ ރޯދަ ނިމެންދެން، މާލޭގައި ވިޔަފާރި މުދާ އުފުލޭނީ ހެނދުނު 9:00 އިން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށް ކަމަށް ވަނީ ހަމަޖައްސައިފަ އެވެ.
ހަވީރު 4:30 އާއި ރޭގަނޑު 8:00 އާ ދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް، ވިޔަފާރި އުސޫލުން، ގަނޑުކޮށް އުފުލުން މަނާވާނެ ކަމަށް ވެސް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.
ހެނދުނު 9:00 އިން ހަވީރު 4:30 އަށް އަދި ދަންވަރު 1:00 އިން ހެނދުނު 6:00 އަށް ސިނަމާލެ ބުރިޖުން، މުދާ އުފުލާ އެއްވެސް އުޅަނދެއްގައި މުދާ އުފުލުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި އެ ވަގުތުތަކުގައި އުޅަނދުތައް ބްރިޖަށް އަރަން ޖެހޭނީ މާލެ ދެކުނުފަރާތުން ބޮޑުތަކުރުފާނު މަގުންނެވެ.
އެކަމަކު، ހެނދުނު 9:00 އިން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށް ފެނާއި ކައްކާ ގޭސް ސިނަމާލެ ބްރިޖު ހުރަސްކޮށް ގެންދެވޭނެ އެވެ.
އެ އެންގުމާ ހިލާފުވާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އާންމުކޮށް ކޮންމެ ރޯދަ މަހަކު ވެސް މާލޭގެ މަގުތަކުގައި ޓްރެފިކް ވަރަށް ބާރުބޮޑުވެ އެވެ. އެހެންވެ، މަގުތަކަށް ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ކޮންމެ އަހަރަކު ވެސް ވިޔަފާރި މުދާ އުފުލަން ވަކި ގަޑިތަކެއް ކަނޑައަޅަ އެވެ.
ރޯދަ މަހު އެންމެ ބާރުބޮޑުވާ މާލޭގެ މާރުކޭޓް ސަރަހައްދުގެ ޓްރެފިކް މެނޭޖްކުރުމުގެ ގޮތުން، ކޮންމެ ދުވަހެއްގެ މެންދުރު 1:00 އިން އިރުއޮއްސި 6:00 އަށް، އެ ސަރަހައްދަށް ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ނުވަދެވޭ ގޮތް ފުލުހުން ވެސް ވަނީ ހަދައިފަ އެވެ.