ކީވް (06 އޭޕްރީލް) - ޔޫކްރެއިންގައި ރަޝިއާއިން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކަށް އދ. އިން ފިޔަވަޅު ނޭޅޭނަމަ އެ ޖަމާއަތް އުވާލަން ޖެހޭ ކަމަށް ޔޫކްރެއިންގެ ރައީސް ވްލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

ޒެލެންސްކީ މިހެން ވިދާޅުވެފައިވަނީ އިއްޔެ ބޭއްވި އދ.ގެ ސަލާމަތީ މަޖިލީހުގައި ވީޑިއޯ މެދުވެރިކޮށް ތަގުރީރު ކުރައްވަމުންނެވެ.

ޒެލެންސްކީ އިތުރަށް ވިދާޅުވީ ޔޫކްރެއިންގެ މަގުތަކުން މިހާރު ފެންނަނީ ލޭގެ ކޯރެއް ކަމަށާއި ލިބެމުންދާ ގެއްލުންތަކުގެ ޒިންމާ ރަޝިއާއިން ނަގަން ޖެހޭނެ ކަމަށެވެ.

"ރަޝިއާއަށް ފިޔަވަޅު އެޅުން ނޫން ގޮތެއް ނެތް. އެކަން ނުކުރެވޭ ނަމަ މި މަޖިލިސް ވަގުތުން އުވާލަންޖެހޭ،" ޒެލެންސްކީ ވިދާޅުވި އެވެ.

މިހާރުގެ ހާލަތަށް ބަލާއިރު ރަޝިއާ އާއި އައިސިސް ފަދަ ޓެރަރިސްޓް ޖަމާއަތްތަކާ އެއްވެސް ތަފާތެއް ނެތް ކަަމަށާއި ޓެރަރިސްޓް ޖަމާއަތްތަކަށް ފިޔަވަޅު އެޅޭ ނަމަ ރަޝިއާއަށް ވެސް ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް ޒެލެންސްކީ އިތުރަށް ވިދާޅުވި އެވެ.

15 މެމްބަރުން ހިމެނޭ އދ.ގެ ސަލާމަތީ މަޖިލީހުގައި ޔޫކްރެއިންގެ މައްސަލައިގެ މަޝްވަރާ ފައްޓަވަމުން އދ.ގެ ސެކެޓްރެރީ ޖެނެރަލް ވިދާޅުވީ މި ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެއަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

ރަޝިއާއިން ޔޫކްރެއިންއަށް އެރިތާ މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ގިނަ ގައުމުތަކަކުން ވަނީ ރަޝިއާގެ އަމަލުތައް ކުށްވެރިކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ. -- އަލް އަރަބިއްޔާ