ކޮންމެ އަހަރެއްގެ ރަމަޟާންމަހާ ދިމާކޮށް ސައޫދީ އަރަބިއްޔާއިން ރާއްޖެއަށް ފޮނުވާ ކަދުރު މިއަހަރު ލިބޭވަރު ވާނީ ރަމަޟާން މަހުގެ ފަހު ދިހައިގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ސައޫދީ އަރަބިއްޔާއިން ކަދުރު ޝިޕްކޮށްފައިވަނީ މި މަހުގެ 7 ވަނަ ދުވަހު ކަމަށާއި އަދި ރާއްޖެއަށް ކަދުރު ލިބޭވަރުވާނީ ރޯދަމަހުގެ ފަހު ދިހައިގައި ކަމަށެވެ.

މިދިޔަ އަހަރު 25 ޓަނުގެ ކަދުރު ލިބުނު ކަމަށާއި މިފަހަރު 50 ޓަނުގެ ކަދުރު ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި މިހާތަނަށް ރާއްޖެއަށް ކަދުރު ލިބިފައިނުވާ ކަމަށާއި ކަދުރު ލިބުމާއެކު ސައޫދީން ކަނޑައަޅާފައިވާ މިންގަނޑަށް ބަލައިގެން, ކަދުރު ބަހާނީ ފަގީރުންނަށް އިސްކަން ދެއްވައިގެން ކަމަށް ވިދާޅުވި އެވެ.

"ހުރިހާ ގެތަކަށް ކަދުރު ނުބެހުނު ނަމަވެސް، ކަދުރު ބަހާނީ އެންމެ ބޭނުން ޖެހިފައިވާ ގޭބިސީތައް ކަނޑައެޅުމަށްފަހު. ހިސާބުކޮށް، އެގޭބީސީތަކަށް އިސްކަންދީގެން،" މިނިސްޓްރީން ބުންޏެވެ.

ސައޫދީ ސަރުކާރުން މިދިޔަ އަހަރު ހަދިޔާކުރި ކަދުރު ރޯދަމަސް ނިމުނުއިރުވެސް ގިނަ ބަޔަކަށް ނުލިބޭތީ އެކަމުގެ ޝަކުވާ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ކޮށްފައިވެ އެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ކަދުރު ބަހަމުން ދަނީ ވީހާ ވެސް އިންސާފުވެރިކޮށް، ވީހާ ވެސް ގިނަ ބަޔަކަށް ލިބޭނެ ގޮތަކަށް ކަމަށެވެ.