ފެން ލިބުން ދަތިވުމުގެ ސަބަބުން އައްޑޫ ސިޓީ ބޯފެނަށް ޖެހިއްޖެ އެވެ.
"ހުރިހާ"އާ ވާހަކަދައްކަމުން އައްޑޫގެ ވިޔަފާރިވެރިއަކު ބުނީ ވާރޭ ނުވެހޭތާ ގިނަ ދުވަސްވުމުގެ ސަބަބުން ރަށުން ވާރޭ ފެން ވެސް ހުސްވެފައިވާ ކަމަށާއި އަދި ފިހާރަތަކުގައި ވެސް މިހާރު ހުރީ ވަރަށް މަދު ސްޓޮކެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އަތުގައި ވެސް ހުރީ ވަރަށް މަދުން. މިދުވަސްކޮޅު މާލެއިން ވެސް ފެން ލިބުމުގައި ދަތިތަކެއް އެބަހުރި. އަދި މިހާރު، ގެނައުމަށް ހަމަޖެހިފައިވާ ޝިޕްމެންޓް ވެސް، ލިމިޓްކޮށް ވިއްކަން ނިންމާފައިވަނީ،" ފެނުގެ ދަތިކަން ކުރިމަތިވެފައިވާ މިންވަރު ވިޔަފާރިވެރިޔާ ކިޔައިދިނެވެ.
މިކަމާ ގުޅިގެން އައްޑޫގެ ރައްޔިތުންދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. "އައްޑޫ ސިޓީއަކީ ވޯޓާ ސަޕްލައި ފެން ވެސް ލިބޭ ސިޓީއެއް ނޫން. ނަމެއްގައި އޮންނަ ސިޓީއެއް މީ. މި ރޯދަމަހު ފިހާރައިން ގެއަކަށް ދުވާލަކު ފެންފުޅިއެއް ލިމިޓްކޮށްގެން ވިއްކީމާ ދެން އަހަރެމެން ތިބެން ޖެހޭނީ ފެން ނުބޮއިތޯ؟" ކަންބޮޑުވުން ހިއްސާ ކުރަމުން އައްޑޫގެ މީހަކު ބުންޏެވެ.
އެ ސިޓީގައި ވަކިން އޮންނަ ހުޅުދޫ މީދޫއިން ވެސް ބޯފެނުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އެގޮތުން ހުޅުދޫ މީދޫއިން ފެން ނުލިބިގެން ފޭދޫއިން ފެން ގެންދިޔަ ކަމަށް ވެސް އެރަށު ވިޔަފާރިވެރިއަކު ބުންޏެވެ.
އައްޑޫ ސިޓީ ފެނަށް ޖެހިފައިވާއިރު ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިޔުއެސްސީގެ ދަށުން ހިންގާ ކުންފުންޏެއްގެ އުފެއްދުމެއް ކަމަށްވާ ތާޒާ ފެން އެއްވެސް ދަތިކަމެއްނެތި ލިބޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ވަނީ ބުނެފަ އެވެ.
އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެފައިވަނީ އެމްޑަބްލިޔުއެސްސީން އުފައްދާ ތާޒާ ފެނުގެ ރަނގަޅު ސްޓޮކެއް އެބަހުރި ކަމަށާއި، ރޯދަމަހު އެއްވެސް ދަތިކަމެއްނެތި ފެން ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ވެސް އެބައޮތް ކަމަށެވެ.
ޢައްޑޫ ސިޓީގަވެސް ބޯފެން އުފައްދާ ޕްލާންޓެއް ބަހައްޓަން ވެއްޖެ ކަމަށް ފެނޭ .
ނޫނޭ ބަލަގަ ތިޔަހެނެއް ނުވާނެނު؟ ކޮބާ ކަލޭމެން ހޮވާފަ ހުރި ރީނދޫ ނިޒާރު……؟