އިސްލާމިކް މިނިސްޓްރީން ސިޔާސީ ޕާޓީތަކުގެ މެދުގައި ތަފާތު ކުރުންތައް ގެންގުޅުއްވާ ކަމަށްބުނެ އެކަން ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް އިދިކޮޅުން ހުށައަޅައިފި އެވެ.

އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީއެއްގައި ވަނީ މި ރަމަޟާންމަހު މިސްކިތްތަކުގައި ދަރުސް ދިނުމުގެ ހުއްދަ ސިޔާސީ ޕާޓީތަކަށް ދޫކުރައްވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު ޢަލީ ވިދާޅުވިކަމަށް ރާއްޖޭގެ ނޫސްތަކުން ޢާންމު ކުރުމާގުޅިގެން، ޕީޕީއެމްގެ ފަރާތުން ކިންގ ސަލްމާން މިސްކިތުގައި ދަރުސް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީއަށް 6 އޭޕްރީލް 2012ގައި ސިޓީއެއް ފޮނުވާފައިވާނެކަމަށެވެ.

މިސިޓީއާގުޅިގެން މިސްކިތްތަކުގައި ސިޔާސީ ޕާޓީތަކުން، ޕާޓީގެ ލޯގޯ ޖަހައިގެން ދަރުސް ދިނުމުގެ ހުއްދަ ނުދިނުމަށް ނިންމަވާފައިވާކަމަށް އިސްލާމިކް މިނިސްޓަރ ފޯނުން ވިދާޅުވިކަމަށާއި. ނަމަވެސް 8 އޭޕްރީލް 2022 ގައި އަދާލަތު ޕާޓީން ޝަހީދު ޢަލީ މިސްކިތުގައި އެ ޕާޓީގެ ލޯގޯ ޖަހައިގެން ދަރުސްވަނީ ބާއްވާފައިވާކަމަށާއި، އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރަކީ ޢަދާލަތު ޕާޓީއަށް ނިސްބަތްވާ ބޭފުޅަކަށްވެފައި އަދި ސިޔާސީ ޕާޓީގެ ލޯގޯ ޖަހައިގެން ދަރުސް ދިނުމުގެ ހުއްދަ ނުދެއްވަން ނިންމި ކަމަށް ވިދާޅުވިނަމަވެސް، ޢަދާލަތު ޕާޓީއަށް އެ ފުރުޞަތު ދެއްވަމުން ގެންދަވާކަން ވަނީ ފާހަގަ ކުރެވިފައިވާކަމަށް މިސިޓީގައި ބުނެފައިވެ އެވެ.

އެހެންކަމުން ޕީޕީއެމުން ފޮނުވި ސިޓީއަށް މިއަދާ ހަމައަށްވެސް ޖަވާބު ނުދެއްވުމާއި ސިޔާސީ ޕާޓީތަކުގެ މެދުގައި ތަފާތު ކުރުންތައް ގެންގުޅުއްވަނީ ކީއްވެގެންތޯއާއި ދީނީ ދަރުސް ދިނުމަށް މިސްކިތްތައް ދޫކުރާ އުޞޫލެއް ކަނޑައަޅާފައިވޭތޯ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ބައްލަވައި ދެއްވުމަށް އާދަމް ޝަރީފް ވަނީ އެދިވަޑައިގެންފަ އެވެ.

ޕީޕީއެމުން ކިންގް ސަލްމާން މިސްކިތުގައި ދަރުސް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީގައި އެދުމުން އެކަމަށް ހުއްދަ ނުދީ އެމިނިސްޓްރީންވަނީ އެ ދަރުސް ހުއްޓުވާފަ އެވެ. ނަމަވެސް އަދާލަތު ޕާޓީން އެ ޕާޓީގެ ލޯގޯ ޖަހައިގެން މިސްކިތްތަކުގައި ދަރުސް ދެމުން ދެއެވެ. އަދި އެޕާޓީގެ ރައީސް ހޯމް މިނިސްޓްރ އިމްރާން އަބްދުﷲ ވެސް ދަރުސް ދެއްވަ އެވެ.