އަންހެން ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގަރާރެއް ހުށަހަޅައިފި އެވެ.

އީވާ ހުށަހެޅުއްވި ގަރާރުގައި ބުނަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރަށްރަށާއި ސިޓީތައް ހިނގަނީ އަންހެނުންގެ ހައްގުތައް ރައްކާތެރިކުރެވި އަންހެނުންގެ ބައިވެރިވުމާއި އެކުގައިކަން ކަށަވަރުކުރުމަށްޓަކައި ކައުންސިލުތަކުގައި އަންހެނުންގެ ދައުރެއް ކަނޑައެޅިފައި އޮންނަންވާނެކަމަށް ބަޔާންކޮށްފައިވާކަމަށެވެ. ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް އިންތިހާބުކުރެވޭ މެންބަރުންގެ ތެރެއިން %33 އަންހެނުންނަށް ހާއްސަކުރެވިގެން ގާނޫނު އިސްލާހު ކޮށްފައިވާއިރު، ގާނޫނުގެ މަގްސަދާ އެއްގޮތަށް އަންހެން ކައުންސިލަރުން ކައުންސިލުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ކޮމިޓީގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެ ގާނޫނު ސިފަކުރިގޮތަށް، އެ ގާނޫނުގެ ރޫހުގައި މަސައްކަތްކުރެވޭތޯ ކަށަވަރު ކުރަންޖެހޭކަމަށް ގަރާރުގައިވެ އެވެ.

އަންހެން ކައުންސިލަރުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ހުރަސްތަކާއި ގޮންޖެހުންތަކާއި މަސައްކަތްކުރުމުގައި ދިމާވާ ދަތިތައް ފާހަގަކޮށްދެއްވައި ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން އެސެސްމަންޓެއް ހައްދަވައިދެއްވުމަށް އީވާގެ ގަރާރުގައި ވަނީ ގޮވާލާފަ އެވެ.

މިގަރާރު ހުށައަޅުއްވަމުން އީވާ ވިދާޅުވީ ބައެއް ކައުންސިލްތަކާއި އަދި ޑަބްލިއުޑީސީ ހިމެނޭ ގޮތުން އަންހެނުންނަށް ޒިއްމާތައް ހަވާލު ނުކުރާ ކަމަށެވެ. އެގޮތުން ބައެއް ކައުންސިލަރުންނަކީ ހަމައެކަނި ކެއްކުމުގެ ކަންކަމުގަޔާއި އަދި މެހެމާނުން ވަޑައިގަންނަވާއިރު ސަފުތަކުގައި ތިބެންޖެހޭ ބައެއްގެ ގޮތުގައި އަމަލު ކުރެވެމުންދާ ކަމަށާއި ބައެއް ރަށްރަށުގައި ސަފުތަކުންވެސް ޖާގަ ނުލިބޭ ކަމަށެވެ.

"އަޅުގަނޑު ނުދަންނަވަން އެއްގޮތަކަށްވެސް އަންހެނުން ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެމްބަރުންނަށް ޖެއްސުން ކުރަނީ ކަމަށް. ނަމަވެސް ބައެއް ފަހަރަށް ކަންކަން ނޭނގިވެސް މިފަދަ ގޮތަކަށް އަމަލު ކުރެވޭ. އިންކްލޫސިވް ޑިސިޝަން މޭކިން އާއި މިކަހަލަ ކަންކަން ކުރިއަށް ގެންދަންވާ ގޮތް ނޭނގިގެން ވެސް މިކަހަލަ ކަންކަން އެބަކުރެވޭ. އަލުގަނޑު އެދެނީ މިކަންކަން ދިރާސާކުރަން. ރައްޔިތުންގެ މަޖިލީހުގެ ދައުރެއް އޮތިއްޔާ މަޖިލީހުގެ ދައުރާއެކު ދިރާސާ ކުރުން." މި ގަރާރަށް ވާހަކަދައްކަވަމުން އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ޖާގަ ދޭންޖެހޭ ކަމަށާއި އަންހެނުންނަށް 33 އިން ސައްތަ ޖާގަ ދިންގޮތަށް މިފަދަ ކަންކަންވެސް ބަލާ އަންހެން ކައުންސިލަރުންނަށާއި ޑަބްލިއުޑީސީއަށް މަސައްކަތް ކުރުމަށް ޖާގަ ދޭންޖެހޭ ކަމަށެވެ.