މިދިޔަ މަހު 25 ގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި "ނޭވާހޮޅިއަށް" މުޒާހަރާގައި ހަރަކާތްތެރިވި އިންޑިއާ މީހާ ވެހިކަލުން ބޭރުގައި އުޅުނީ ވެހިކަލް ހޫނު ގަދަވެގެން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައި ވަނީ މައުލޫމާތު ހޯދާ ލިބިގަތުގެ ގާނޫނުގެ ދަށުން "ދިޔަރެސް" ނޫހުން އެ ދުވަހުގެ މުޒާހަރާގައި ހަރަކާތްތެރިވި މީހާ އާ ބެހޭ މައުލޫމާތު ހޯދުމަށް ފުލުހުންގެ އިދާރާގައި އެދުމާ ގުޅިގެން އެ އިދާރާއިން ދިން ޖަވާބުގަ އެވެ.

އެގޮތުން ފުލުހުން ދިން ޖަވާބުގައި ބުނެފައިވަނީ އެ މީހާގެ ނަމަކީ އަރުޖުން މޮހަނަން ނަޔަރު ލައިލަކުމަރި އެވެ. އަދި އޭނާ އަކީ ފުލުހުންގެ ތެރޭގައި މަސައްކަތް ކުރާ ނަރުހެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ފުލުހުން ހާމަކުރި މައުލޫމާތަށް ބަލާއިރު އޭނާ ފުލުހުންގެ ވަޒީފާ އާ ގުޅުނީ މާޗު 5، 2021 ގަ އެވެ. އަދި އޭނާ އެ ވަޒީފާއަށް ނެގީ ސީވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ދިވެހި ފުލުހުންގެ ހިދުމަތުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި މުސާރައާއި އިނާޔަތްތަކާއެކު ކޮންމެ މަހަކަ އޭނާއަށް 18،942 ރ. ލިބެ އެވެ.

އިދިކޮޅުގެ މުޒާހަރާގައި މި އިންޑިއާ މީހާ ފުލުހުންނާއެކު ހަރަކާތްތެރިވުމުން އިދިކޮޅުން ވަނީ ބޮޑެތި ތުހުމަތުތަކެއް ސަރުކާރަށް ކޮށްފަ އެވެ. އެގޮތުން އިދިކޮޅުން ތުހުމަތުކުރާ ގޮތުން މުޒާހަރާގެ ބައިވެރިންނާ ކުރިމަތިލުމަށް ފުލުހުންނަށް ކޮމާންޑް ދޭން ހުރީ މި މީހާ އެވެ.

އަދި އިދިކޮޅު ފަރާތްތަކުން ވަނީ އޭނާ އަކީ އިންޑިއާގެ ޖާސޫސީ އިދާރާ ރިސާޗް އެންޑް އެނަލިސިސް ވިންގް (ރޯ) އަށް ނިސްބަތްވާ މީހެއް ކަމަށް ތުހުމަތުކޮށްފަ އެވެ.