ކޮވިޑް 19ގެ ވެކްސިން ތައްޔާރު ކުރަން ބޭނުންކުރި ޖެނެޓިކް ޓްރެކިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ދުނިޔޭގައި ވެސް އެންމެ ފުރަތަމަ ފަހަރަށް ހާޓްއެޓޭކަށް ފަރުވާ ހޯދައިފި އެވެ.

ލަންޑަނުގެ ކިންގްސް ކޮލެޖްގެ ސައިންސްވެރިން ވަނީ ޕްރޮޓީންސް ބޭނުންކޮށްގެން ސިއްހަތު ރަނގަޅު ހިތުގެ ސެލްތައް އުފައްދައިދޭ އެމްއާރުއެންއޭ ޖެނެޓިކް ކޯޑުތަކެއް ހޯދާފަ އެވެ.

މި ހޯދުމަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ހާޓްއެޓޭކް ތަކުގެ ސަބަބުން ނުރައްކަލަށް ހުށައެޅޭ އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވިދާނެ ފަދަ ހޯދުމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

"ހާޓްއެޓޭކްގެ ސަބަބުން ހިތުގެ ބައެއް ސެލްތަކަށް ގެއްލުން ލިބި މަރުވާ ގޮތްވޭ. އަހަރުމެންގެ އަމާޒަކީ މި ފަރުވާގެ އެހީގައި ރަނގަޅަށް ހުރި ސެލްތަކުން އިތުރު ސެލްތައް އުފައްދައި ގިނަކުރުން،" ދިރާސާގައި އިސްކޮށް އުޅުއްވި ޕްރޮފެސަރު މައުރޯ ގިއެކާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ހާޓް އެޓޭކްގެ ސަބަބުން ގެއްލުން ލިބިފައިވާ ހިތެއް އެއްކޮށް ރަނގަޅު ކުރުމަކީ މީގެ އަހަރުތަކެއް ކުރިއާ ހަމަައަށް ހުވަފެނެއްގެ ގޮތުގައި އޮތް ކަމެއް ކަމަށާއި ނަމަވެސް މިހާރު އެކަން ހަގީގަތަކަށް ވެދާނެ ކަމަށެވެ.

"އަހަރުމެން ވެސް ބޭނުން ކުރަނީ ފައިޒާއާއި މޮޑެނާއިން ވެކްސިން ހަދަން ބޭނުންކުރި އުކުޅުތައް،" ގިއެކާ ވިދާޅުވި އެވެ.

މި ދިރާސާގައި ރަނގަޅު ސެލްތައް އުފެއްދުމުގެ އިތުރުން ހާޓްއެޓޭކްގެ ސަބަބުން ސެލްތައް މަރުވިޔަ ނުދީ ސަލާމަތް ކުރެވޭނެ ގޮތެއް ހޯދޭތޯ ވެސް ބަލާނެ އެވެ.

ހާޓްއެޓޭކް ތަކަކީ ދުނިޔޭގައި އެންމެ އާއްމު ހިތުގެ ބައްޔަށް ވީއިރު މިފަދަ މީހުން ހާޓްއެޓޭކް ޖެހުމަށްފަހު ހިތުގެ އިތުރު ބަލިތަކަށް ހުށައެޅިގެންދެ އެވެ.

މީގެ ކުރިން ޖަނަވާރުންގެ ހިތް އިންސާނުންގެ ހަށިގަނޑަށް ލައްވައިގެން ފަރުވާ ހޯދަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.