މި ސަރުކާރަށް ރައްޔިތުންގެ ވަރަށް ބޮޑު ތާއީދެއް އޮތްކަމަށް ހީވިއަސް 50 ޕަސެންޓުވެސް ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕުގައި ރައީސް ނަޝީދު ލިޔުއްވި މެސެޖުގައި ވަނީ އެމަނިކުފާނުގެ ނަޒަރުގައި އެމްޑީޕީއަށް ރައްޔިތުންގެ ވޯޓްގެ 50 ޕަސެންޓް ހޯދުން ވަަރަށް އުނދަގޫ ވާނެ ކަމަށެވެ. އެ މިންވަރަށް ތާއީދު ހޯދޭ ވަރަށް ވުރެ މާ ގިނަ ގޯސްތައް ހަދާފައިވާ ކަމަށާއި އަދި އެ ގޯސްތައް އެއް ބަޔަކު ގަބޫލުނުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ 50 ޕަސެންޓަށްވުރު އިތުރަށް ހޯދާން ވަރަަށް އުނދަގޫވާނެ ކަމަށް. މާގިނަ ގޯސް ހެދިއްޖެ. އަދި އެ ގޯސް އެއް ބަޔަކު އަނެއް ބަޔަކަށް ގަބޫލެއް ނުކުރޭ. ސަރުކާރަށް ލަފާ ކުރެވެނީ ވަރަށް ތާއީދު ބޮޑު ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައި ވަނީ މިއަހަރަކީ ވަރަށް ގިނަ ފައިސާ ލޯނުތަކަށް ދައްކަންޖެހޭ އަހަރެއް ކަމަށެވެ. އެހެންކަމުން މިއީ ވަރަށް ރިސްކު ބޮޑު އަހަރެއް ކަމަށާއި މިއިން އެއްވެސް ކަމަކަށް ސަރުކާރުން ބަލާނުލާ ކަމަށް ވެސް ވިދާޅުވި އެވެ.

މަސްވެރިންނާމެދު ސަރުކާރުން އަމަލު ކުރާ ގޮތަށްވެސް ފާޑުވިދާޅުވެ، މިފްކޯގެ ކެޕޭސިޓީ ބޮޑުކުރުމުގެ ކަންކަން ނުކުރެއްވުމަށް ތަކުރާރުކޮށް ދެންނެވި ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި މިހާރު މިފްކޯގެ މަސައްކަތް ވެސް ނުކުރެވި އެމްޑީޕީގެ ސިޔާސަތާ އެއްގޮތަށް ރަށްރަށުގައި އަޅަން ވައުދުވި މަސްޕްލާންޓް ވެސް ނުހެދުނީ ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.

ރައީސް ނަޝީދު ސަރުކާރަށް ފާޑުވިދާޅުވެ މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު އެމަނިކުފާނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. އެގޮތުން އެމްޑީޕީގެ އެތެރޭގެ ޗެއާޕާސަން އިންތިހާބުގައި ރައީސް ނަޝީދުގެ ފެކްޝަނުން ވާދަކުރައްވާ އިމްތިޔާޒް ފަހުމީއަށް ތާއީދު ކުރައްވާ މެމްބަރުންނާއި ރައީސް ސޯލިހުގެ ފެކްޝަނުން ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ތާއީދު ކުރައްވާ މެމްބަރުންނާ ދެމެދު ވަރަށް ހޫނު ބަހުގެ ހަމަލާތައް ދަނީ ރައްދު ކުރަމުންނެވެ.

މަޖިލީހުގެ ގިނަ މެމްބަރުން މިހާރު ތިބީ ރައީސް ސޯލިހުގެ ފެކްޝަންގަ އެވެ. އެހެންކަމުން އެބޭފުޅުން ކޮންމެ ދުވަހަކު ދައްކަވަމުން ގެންދަވަނީ ރައީސް ސޯލިހުގެ ސަރުކާރުން ވައުދު ފުއްދަމުންދާ ވާހަކައާއި އެމްޑީޕީ ހިންގާލެވޭނީ ފައްޔާޒް އިސްމާއީލަށް ކަމަށް ވިދާޅުވަމުންނެވެ.