އެފްރިކާ ސަރަހައްދުގެ ބައެއް ގައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވާޗުއަލްކޮށް ބައްދަލުކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި މި ބައްދަލުވުމުގައި މިސްރު، މޮރޮކޯ، ދަ ގެމްބިއާ، ރިޕަބްލިކް އޮފް ގިނީ އަދި ސެނެގާލްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުގެ އެންމެ އިސްވެރިންގެ އިތުރުން ޓިއުނީޝިއާއިން ކަނޑައަޅާފައި ހުންނަ ޑިޕްލޮމެޓިކް މިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅާ ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދުއާއި ސަފީރުން ކޮވިޑް-19 އާ ގުޅޭ ގޮތުންނާއި، ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް ގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެފްރިކާ ގައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާ ފޮރިން މިނިސްޓަރު ޝާހިދު މިއަދު ބައްދަލުކުރައްވަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީން ބުނިގޮތުގައި ރާއްޖެއާއި އެފްރިކާގެ ގައުމުތަކާ އޮންނަ ޚާއްސަ ގުޅުމުގެ މައްޗަށް ފޮރިން މިނިސްޓަރު އަލިއަޅުއްވާލެއްވި އެވެ. އަދި އޯއައިސީގެ މެމްބަރު ގައުމުތަކުގެ ގޮތުން، މި ބައްދަލުވުމުގައި ބައިވެރިވި ގައުމުތަކާއި ރާއްޖެއަކީ އެއް ހަމަތަކަކާ އުސޫލުތަކެއް ގަބޫލުކުރާ ގައުމުތަކެއް ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި އެކުވެރި ގައުމުތަކުން ކޮވިޑް-19ގެ ޙާލަތުގައި ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ މިއަދުގެ މި ބައްދަލުވުމަކީ ބޭރު ގައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބުންނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މިނިސްޓަރު ޝާހިދު އިސްނަންގަވައިގެން ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއް ކަމަށެވެ.