އައްޑޫގެ ރުއްޖެހެރަ ޕިކްނިކް ޒޯނަކަށް ބަދަލުކުރުމުގެ މަސައްކަތް ކައުންސިލުން ކުރަމުން ދަނީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ހުއްދަ ނެތިކަން ހާމަވެއްޖެ އެވެ.

މިކަން ހާމަވީ އީޕީއޭއިން އައްޑޫ ސިޓީގެ މޭޔަރއަށް އެ މަސައްކަތާ ގުޅޭ ތަފުސީލު ހިއްސާކޮށްދޭން އެދި ސިޓީ ފޮނުވުމާ ގުޅިގެންނެވެ. އެ ސިޓީގައިވަނީ ރުއްޖެހެރަ އީޕީއޭގެ ހުއްދަ ނެތި އައްޑޫ ސިޓީގައި ކުރިއަށް ގެންގޮސްފައިވާ މަސައްކަތާ ގުޅޭ ތަފުސީލު ހިއްސާކޮށްދިނުމަށެވެ.

ހުއްދަ ނުހޯދާ ޓޫރިޒަމް ޕިކްނިކްޒޯން ތަރައްގީ ކުރާ ސަރަހައްދުން ވެލިނަގާ އާނުގަނޑު ހަލާކޮށްލާފައި

އެގޮތުން ލިންކް ރޯޑް ސަރަހައްދުގައި އޮންނަ ކުނިކޮށީގެ ދެކުނުން އޮތް ސަރަހައްދުގެ އެއްގަމާއި މޫދު ކޮނެ، ހޭޅިފަށުން ގަސްތައް ނަގައި އެ ހިސާބުގަނޑުގެ އާނުގަނޑުގެ ހަލާކުކޮށްލާފައިވާކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.

އެހެންވެ އެ މަސައްކަތް ހިނގާފައިވާ ގޮތުގެ ތަފުސީލު އަންނަ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ލިޔުމަކުން އީޕީއޭ އަށް ފޮނުވަން ކައުންސިލަށް އަންގާފައިވެ އެވެ.

ރުއްޖެހަރަ ސަރަހައްދު އައްޑޫ ޕިކްނިކް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަސައްކަތް ކައުންސިކުން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅުގަ އެވެ.

ކައުންސިލުން ބުނެފައިވާ ގޮތުގައި އެ މަސައްކަތަކީ ކައުންސިލާއި އައްޑޫގެ ޖަމިއްޔާއެއް ކަމަށްވާ ފްރެންޑްސް ކުލަބާއި ހިތަދޫގެ ކުންފުންޏެއް ކަމަށްވާ ބީ ޓެކް ގުޅިގެން ފެށި މަސައްކަތެކެވެ. މި މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް އައްޑޫ ސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެ ސަރަހައްދަށް ޒިޔާރަތްކުރައްވާފަ އެވެ.