އެމްޑީޕީއަށް ރަނގަޅު ގޮތް ނިންމާނީ މާގަދަ ވަކި އެކަކެއް ނޫން ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދުވާފަރު ދާއިރާގެ އެމްޑީޕީ މެންބަރު އިސްމާއިލް އަހުމަދު ރައްދު ދީފި އެވެ.
މެންބަރު އިސްމާއީލް މިހެން ވިދާޅުވީ ރައީސް ނަޝީދު އެމްޑީޕީއަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރާއެކީ ނުފެތުން ކަމަށް ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ.
މީގެ ކުރިން ވެސް ރައީސް ނަޝީދަށް ފާޑުވިދާޅުވެފައިވާ މެންބަރު އިސްމާއީލް ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވަނީ އެމްޑީޕީއަށް އެންމެ ރަގަޅު ގޮތް ނިންމާނީ އެ ޕާޓީގެ މެންބަރުން ކަމަށާއި ވަކި މީހަކު ނޫން ކަމަށެވެ. އަދި ހަސަދަ އާއި ނަފްރަތު ނޫރާނީ މަލެއް ނުފޮޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީއަށް ރަނގަޅުގޮތް ނިންމާނީ މާގަދަ ވަކި އެކަކެއް ނޫން! އަދި މި ޕާޓީ އޮންނާނެތަން ނިންމާނީވެސް މި ޕާޓީގެ އާއްމުމެންބަރުގެ އިތުރުން މި ޕާޓީގެ ގައުމީ މަޖިލީސްގެ އަގުލަބިއްޔަތުން! ޙަސަދައާ، ނަފުރަތާ، ބަދު ބަސްތަކުގެ ބުރަހެލިކަމުގެ މެދުން، ނޫރާނީ މަލެއް ނުފޮޅޭނެ!" މެންބަރު އިސްމާއިލް ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ނަޝީދު ވިދާޅުވީ މި ސަރުކާރަކީ އެމްޑީޕީގެ އެކަނި ސަރުކާރެއް ނޫން ކަމަށް ވާތީ ރައްޔިތުން އެދޭ ގޮތަށް ކަންކަން ނުވާ ކަމަށެވެ.
ފަހަކަށް އައިސް ރައީސް ނަޝީދު އަންނަނީ ފާޅުކަންބޮޑުކޮށް ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.
މީގެ ކުރިން އެމަނިކުފާނު ވަނީ ދެކުނުގެ މަސްވެރިން ކުރި އިހްތިޖަޖާޖަށް ހިތްވަރު ލިބޭ ގޮތަށް ވެސް ވާހަކަ ދައްކަވާފަ އެވެ. ހަމަ އެ ގްރޫޕްގައި މީގެ ކުރިން ލިޔުއްވި މެސެޖެއްގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ މަސްވެރިންނަށް އެމްޑީޕީން ވީ ވައުދުތައް ނުފުއްދޭ ކަމަށެވެ. އަދި މި ސަރުކާރަށް ތާއީދެއް ނެތް ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި 50 ޕަސެންޓަށްވުރެ މަތިން ވޯޓު ހޯދަން އެމްޑީޕީއަށް އުނދަގޫވާނެ ކަމަށާއި ސަބަބަކީ ގިނަ ގޯސްތަކެއް ހެދިފައިވުން ކަމަށް ވެސް އެމަނިކުފާނު މީގެކުރިން ވިދާޅުވެފައިވެ އެވެ.
މެއި މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބުގެ ފޯރި ގަދަވެ އެ ޕާޓީވަނީ ދެ ފެކްޝަނަކަށް ބެހިފަ އެވެ.
ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.