ދިވެހިރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހ. ސީވީޑް އަހްމަދު ލަތީފް އަނބުރާ ރާއްޖެއަށް ގެނެސް، އެ މަގާމަށް ގ. ޕެންޒީމާގެ އައިޝަތު ޝާން ޝާކިރު ހަމަޖައްސަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ލަތީފް ރާއްޖެއަށް ގެނެސް ޖަރުމަންގައި ހުންނަވާ ސަފީރު ކަމަށް ޝާން އައްޔަންކުރަން ނިންމެވި ވަކި ސަބަބެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައެއް ނުވެ އެވެ.

ރައީސްގެ ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އިއްވެވުމާ ގުޅިގެން ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ ހާރިޖީ ކަންތައްތަކާ ބެހޭ ކޮމިޓީ އަށް ފޮނުއްވާފަ އެވެ.

ޖަރުމަންގައި ހުންނަވާ ސަފީރު ކަމަށް އަހްމަދު ލަތީފް އައްޔަންކުރައްވާ މަގާމުގެ ފަތްކޮޅު ހަވާލުކުރެއްވީ ޖެނުއަރީ 20، 2019 ގައެވެ. ލަތީފަކީ 1981 ވަނަ އަހަރު ރާއްޖޭގެ ޚާރިޖީ ދާއިރާއާއި ގުޅިވަޑައިގެން، ދިވެހި ޚާރިޖިއްޔާގައި ތަފާތު އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.

ބަންގްލަދޭޝްގައި ހުންނެވި ދިވެހި ސަފީރު ކަން ކުރައްވާފައިވާ ޝާން މިވަގުތު ހުންނެވީ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގަ އެވެ. އެ މަގާމަށް ޝާން އައްޔަންކުރެެއްވީ ނޮވެމްބަރު 15، 2020 ގައެވެ.

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް ހަމަޖެއްސުމާއި ހަމައަށް ޢާއިޝަތު ޝާން ޝާކިރު ހުންނެވީ ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގަ އެވެ. އޭނާ ވަނީ މީގެ ކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމާއި، މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަގާމާއި، ސައުދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމުގެ އިތުރުން ވެސް، އެ މިނިސްޓްރީގެ އެހެނިހެން އިސް މަގާމުތައް ފުރުއްވައިފަ އެވެ.